އިންތިހާބުތަކަށް ކެމްޕެއިން ކުރުމުގެ ކޯޑާ ހިލާފަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އަމަލުކުރައްވާފައި ވާކަމަށް ބުނެ އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ހުށަހެޅި ޝަކުވާއެއް، އެ ކޮމިޝަނުގެ ވެބްސައިޓުން "ގެއްލިފައި"ވާކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

މި ޝަކުވާއަކީ މަހާރާޝްތްރާގެ ރެލީއެއްގައި މޯދީގެ އަމަލުތައް ހުރި ގޮތުން ހުށަހަޅާފައި އޮތް ޝަކުވާއެއް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ އާންމު އިންތިހާބަށް ކުރި ކެމްޕޭންތަކާ ގުޅިގެން މިހާތަނަށް 426 ޝަކުވާއެއް ހުށަހަޅާފައިވާއިރު، މިމައުލޫމާތަކީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށް ފެންނަން ހުންނަ މައުލޫމާތެކެވެ.

ކަންމިހެންއޮތްއިރު، އޭޕްރިލް 9 ވަނަ ދުވަހު މޯދީއާއި ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާ، ލިސްޓުކޮށްފައެއް ނެތެވެ. މިޝަކުވާއަކީ، އާންމު އިންތިހާބުގައި ވޯޓުދޭ ފަރާތްތަކުން، އެމީހުން ލާ ވޯޓު، އިންޑިއާގެ ޕުލްވާމާއަށް ދިން ހަމަލާގައި ފުރާނަ ގެއްލިދިޔަ ޕެރާމިލިޓްރީ ފުލުހުންނަށް ހާއްސަކޮށްދިނުމަށް މޯދީ އެދިވަޑައިގަތް މައްސަލައިގެ ޝަކުވާއެވެ. އިންތިހާބީ އެއްވެސް ކަމެއްގައި އަސްކަރިއްޔާއާއި ދިފާއީ އަދި ސަލާމަތީ ބާރުތަކުގެ ބޭނުން ކުރުމަކީ އިންޑިއާގައި މަނާކަމެވެ.

މައްސަލަ ހުށަހެޅި ފަރާތުން ވެބްސައިޓް ބެލިއިރު، އެ މައްސަލަ ހައްލުވެފައިވާކަމަށް އަންގާފައިވާ ކަމަށާ، ނަމަވެސް އެކަން އެހެން ހިނގީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އެއީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ހިނގި ކަމެއް ކަމަށާ، އެ މައްސަލަ އަދި އޮތީ އިންތިހާބީ ކޮމިޝަނުގެ މައި އިދާރާގައި ކަމަށެވެ. ކަންމިހެން އޮތްއިރު، މޯދީއާއި ދެކޮޅަށް ފާއިތުވީ 2 ހަފުތާގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އޭގެ ފަހުންވެސް ކެމްޕޭންގެ ބޭނުމަށްޓަކައި ޕުލްވާމާގެ ވާހަކަ މޯދީ ދައްކަވާފައިވާކަމުގެ ރިޕޯޓްތަކެއް ވަނީ އާންމުވެފައެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ 3 މަރުހަލާ ނިމި، މަޖިލީހުގެ ދެބައިކުޅަ އެއްބައި ގޮނޑިއަށްހެން މެމްބަރުން އިންތިހާބު ކުރެވިފައިވާއިރު، އެންމެ ފަހު މަރުހަލާގެ ވޯޓުލުން ކުރިއަށް ގެންދާނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ނަތީޖާތައް ލިބޭ ވަރު ވާނީ މެއި މަހުގެ 23 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.