ސްރީލަންކާގެ ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ހިމާސިރީ ފެނާންޑޯއާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ޕުޖީތު ޖާޔަސުންދްރާ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަމުރުކުރައްވައިފިއެވެ.

ސްރީލަންކާގެ ދިފާއާއި ސަލާމަތާ ގުޅުންހުރި އިސްވެރިން ވަޒީފާއިން ވަކިކުރެއްވުމަށް ސިރިސޭނާ ނިންމަވާފައި މިވަނީ، ނިމިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެންނެވެ.

ޓެރަރިސްޓުންގެ ހަމަލާތަކެއް ސްރީލަންކާއަށް އަމާޒުވެދާނެ ކަމުގެ ޖާސޫސީ މައުލުމާތު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އިންޑިއާއިން ހިއްސާކޮށްފައި އޮތް ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެކަމަށް ފިޔަވަޅުތަކެއް އެޅުމަށާ، އެކަމުގެ މައުލޫމާތު ލިބެން ޖެހޭ އިސް ފަރާތްތަކަށް އެ މައުލޫމާތު މުއާމަލާތުކޮށްދެވިފައި ނުވާ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ސިރިސޭނާ ވަނީ ސްރީލަންކާގެ ސަލާމަތާ ދިފާއާއި ގުޅުންހުރި ކަންކަމުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރައްވާ، އެ ދާއިރާތައް ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 350 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުންނެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރު ވިދާޅުވީ، އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިނުމުގައި 9 މީހަކު ބައިވެރިވިއިރު އޭގެ ތެރޭގައި ދެމަފިރިއަކުވެސް ހިމެނޭ ކަމަށެވެ. އަދި އަންހެން 2 ކުޑަކުދިންނާއި ފުލުހުންގެ 3 އޮފިސަރަކު މަރުވީ، އެ އަންހެން މީހާއާއި ބެހޭ މައުލޫމާތު ލިބިގެން އެމީހާ ހައްޔަރުކުރެވުމާ ދާދިގާތްވެފައިވަނިކޮށް ކަމަށްވެސް ގުނަސޭކަރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރުގެ ނައިބު، ރުވާން ވިޖޭވަރުދަނާ ވިދާޅުވީ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިނުމުގައި މުޅިންހެން ބައިވެރިވެފައިވަނީ މެދު ފަންތީގެ އާއިލާތަކަކަށް ނިސްބަތްވާ ބައެއް ކަމަށާ، އެމީހުންނަކީ ރަނގަޅަށް ކިޔަވައިގެންވެސް ތިބި ބައެއް ކަމަށެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެމެރިކާގެ ތަހުގީގީ އިދާރާ އެފް.ބީ.އައިއާއި އެމެރިކާގެ އަސްކަރީ އޮފިސަރުންވެސް ދަނީ ސްރީލަންކާއަށް އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކަކީ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީ، 50 މީހުންގެ ފުރާނަ ގެއްލުވާލި ހާދިސާގެ ރައްދުގައި ދިން ހަމަލާއެއްކަމަށް ސްރީލަންކާއިން ބުނާއިރު، މިފަދަ އެއްވެސް މައުލޫމާތު ލިބިފައި ނުވާކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވަނީ ވިދާޅުވެފައެވެ.