އަމިއްލަ ގެދޮރު ދޫކޮށް ދިރިއުޅުމައިގެން ކުރިއަށް ވަޑައިގަތީ ބޮޑުވަޒީރަށް ވީ ހިސާބުން ނޫންކަމަށާ، ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް ޒިންމާތަކެއް އުފުއްލަންޖެހޭނެ ކަމުގައި ގަބޫލުކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ރިޓާޔަމަންޓާ މެދު ވިސްނަވަންތޯއާއި އެކަން އޮތީ ކިހިނަކުންތޯ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ، އާއިލާ ދޫކުރައްވާ އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގަތީ ވަރަށް ހަގު އުމުރުފުޅެއްގައި ކަމަށާ، ދިރިއުޅުމުގެ ތަމްރީނު ލިބިވަޑައިގަތީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. ރިޓާޔަމަންޓާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުންވެސް ސުވާލުކުރިމަތި ކުރެއްވި ކަމަށާ، އެފަހަރުވެސް ދެއްވީ އެއް ޖަވާބެއް ކަމަށް މޯދީ ވިދާޅުވިއެވެ. އެގޮތުން ޒިންމާއާއި މަސްއޫލިއްޔަތު ފިޔަވާ އިތުރުކަމެއް ދިރިއުޅުއްވުމުގައި ނެތް ކަމަށް މޯދީ ވިދާޅުވިއެވެ. އެހެންކަމުން، އިންޑިއާގެ ސިޔާސީ މައިދާނުން މޯދީ ދުރަށްޖެހިވަޑައިގަންނަވާ ކަމުގެ ފިކުރެއް އަދި ނެތޭވެސް ދެންނެވިދާނެއެވެ.

އާދައިގެ އާއިލާއަކުން އައިސް ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ގަތުމަކީ އާންމުންނަށް ހަޖަމުކުރަން މާފަސޭހަ ކަމަކަށް ނުވި ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ. ބޮޑުފުޅުވެގެން އައި ބެލެނިވެރިއެއްގެ އިރުޝާދެއް ނެތި ކަމަށާ، މޯދީއަކީ އާދައިގެ ވަޒީފާއެއް އަދާކުރާ މީހެއްކަމުގައި ވީނަމަވެސް މަންމާފުޅު އުފާކުރެއްވީސްކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ ވަނީ ދިރިއުޅުމުގެ އެންމެ ޖޯޝީ ދުވަސްވަރު، "ޗައިވާލާ'އެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.