ދުނިޔެއާ އެންމެ ކައިރީގައިވާ މާސް ޕްލެނެޓުގެ ސަތަހަށް ލޮޅުމެއް އައިކަމަށް ފުރަތަމަ ފަހަރަށް ރެކޯޑް ކުރެވިފައި ވާކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

މާސްގެ ސަތަހައަށް ލޮޅުމެއް އަރާފައިވަނީ އޭޕްރިލް 6 ވަނަ ދުވަހު ކަމަށާ، އެއީ މާސްގެ ކަލަންޑަރުން ބަލާއިރު އަހަރުގެ 128 ވަނަ ދުވަސް ކަމަށްވެސް ނާސާއިން ބުނެއެވެ.

މާސްގެ ސަތަހައަށް ލޮޅުމެއް އެރިކަން ރެކޯޑް ކުރެވިފައި ވަނީ، މާސްގައި ހަރަކާތްތެރިވަމުންދާ ނާސާގެ ޖައްވީ އުޅަނދު އިންސައިޓަށް ކަމަށްވެސް ނާސާއިން ބުނެއެވެ. މި އުޅަނދު ކާމިޔާބު ކަމާއެކު މާސްގައި ޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިއީ ދުނިޔެއާ ދުނިޔެ ވަށައިގެން ސެޓެލައިޓެއްގެ ގޮތުގައި ދައުރުކުރަމުންދާ ހަނދުގެ އިތުރުން ޖައްވުގެ އެހެން ޕްލެނެޓެއްގެ ސަތަހައަށް ލޮޅުމެއް އެރިކަމަށް ރެކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި "މާސްކުއޭކް"ގެ ނަމުން ނަން ދީފައިވާ މި ލޮޅުމަކީ، ގިނިހިލައެއްގެ ސަބަބުން އެރި ލޮޅުމެކެވެ. މި ލޮޅުމަކީ ރެކްޓާ މިންގަނޑުން ގާތްގަނޑަކަށް 1 ނުވަތަ 2 ގެ ބާރު މިނުގައި އައި ލޮޅުމެއް ކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔެއަށް ބަލާއިރު މިވަރުގެ ލޮޅުމެއްގެ އިހުސާސް ކުރެވޭނީ ވަރަށް މަދު ބަޔަކަށެވެ.