1991 ވަނަ އަހަރު ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ އަންހެނަކު، 27 އަހަރު ކޯމާގައި އޮތުމަށްފަހު ހޭ އަރައިފިއެވެ.

އެކްސިޑެންޓް ހިނގީ މުނީރާ އަބްދުﷲގެ އުމުރުން 32 އަހަރުގައެވެ. އެއީ ދަރިފުޅު ސްކޫލުން ގޮވައިގެން ގެޔަށް ދިޔަ ކާރާ ބަހެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. އެ ހާދިސާގައި މުނީރާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އޭރު އުމުރުން އެންމެ 4 އަހަރުގެ އުމަރު ވިބާއިރުވެސް އިނީ ކާރުގެ ފަހަތު ސީޓުގައި މަންމައާއިއެކުގައެވެ. އެ ހާދިސާގައި އުމަރަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވިއެވެ. އެކްސިޑެންޓްވާން ދާކަން އެނގިގެން މުނީރާ އިނީ އޭނާގެ ދަރިފުޅު ގަޔާލާ ބައްދާލައިގެންނެވެ. އެ ދެމައިން ދަތުރުކުރަމުންދިޔަ ކާރު ދުއްވަން އިނީ މުނީރާގެ ޅިޔަނެކެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ޅިޔަނުވެސް ވަނީ މިދިޔަ އަހަރު ޖަރުމަނުގެ ހޮސްޕިޓަލެއްގައި ފަރުވާ ކުރަމުންދަނިކޮށް ހޭ އަރާފައެވެ.

"ދުވަހަކުވެސް އުއްމީދު ކަނޑައެއް ނުލަން. އަބަދުވެސް ހިތް ބުނި މަންމަ ހޭ އަރާނެ ކަމަށް"، މިހާރު ޖޯޝުހުރި ޒުވާން ފިރިހެނެއްގެ ގޮތުގައި ހުރި އުމަރު، އޭނާގެ އިހުސާސްތައް ކިއާދިނެވެ.

"މަންމަގެ ވާހަކަ އަހަރެން މީހުންނަށް ކިއާދެނީ ލޯބިވާ މީހުންގެ މައްޗަށް އޮތް އުއްމީދު ކަނޑާނުލުމަށް ހިތްވަރު ދިނުމުގެ ގޮތުން. ކޮންމެ ހާލެއްގައި އޮތަސް، އެއީ މަރުވެފައި ބައެއްކަމުގައި ހީނުކުރުމަށް ބާރުއެޅުމުގެ ގޮތުން" އުމުރަ އޭނާގެ ހިތުގައި ފާއިތުވީ އަހަރުތަކުގައި ދައުރުވަމުންދިޔަ ޝުއޫރުތައް ބަންޑުންކޮށްލިއެވެ.

ހާދިސާ ހިނގި ފަހުން އެތައް އިރެއް ވަންދެން މުނީރާއަށް ފަރުވާ ނުދީ އޮތުމަށްފަހު އޭނާ ހޮސްޕިޓަލަކަށް ގެންދެވުނެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް މުނީރާ ގެންދެވުނެވެ. އެއްވެސް ހަރަކާތެއް މުނީރާގެ ނެތެއް ކަމަކު، އޭނާއަށް އޭރުވެސް ތަދު އިހުސާސް ކުރެވުމުންދިޔައެވެ. އޭގެ ފަހުން އަނބުރާ ޔޫ.އޭ.އީއަށް މުނީރާ ގެންދެވުނެވެ. އަދި އިންޝުއަރަންސް ޕޮލިސީގެ ގަވައިދުތަކާ އެއްގޮތަށް، އެކި ހޮސްޕިޓަލުތަކަށް އޭނާ ބަދަލުކުރެވުނެވެ.

ކޯމާގައި އޮތްއިރު މުނީރާއަށް ކާންދެމުންދިޔައީ ހޮޅި ގުޅައިގެންނެވެ. މަސްތަކުގެ ބާރު ކެނޑުނަ ނުދިނުމަށްޓަކައި ފިޒިއޯތެރަޕީވެސް އޭނާއަށް ދެމުންދިޔައެވެ.

2017 ވަނަ އަހަރުވީ މުނީރާގެ އާއިލާގެ އަތުގައި ނަސީބު ހިފި އަހަރަކަށެވެ. އަބޫދާބީގެ ވަލީއަހުދުގެ އެހީގެ ސްކީމްގެ ދަށުން މުނީރާ ޖަރުމަނުވިލާތަށް ބަދަލުކުރެވޭ ގޮތްވިއެވެ. އަދި ކޮންމެހެން މުނީރާއަށް ބޭނުންވެފައި ހުރި އޮޕަރޭޝަންތަކެއް ކުރިއެވެ. އަދި ހޭ އެރުވުމަށްޓަކައި ދޭން ޖެހޭ ފަރުވާވެސް ފެށިއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެއްވީއިރު، އުމަރާ ހޮސްޕިޓަލާ ދެމެދު ޒުވާބެއް ކުރަންޖެހުނެވެ. މުނީރާ އާދަޔާ ހިލާފު އަޑެއް ލައްވާ ވާހަކަ އުމަރު ބުނުމުން، ހޮސްޕިޓަލުން އެކަމާ މާ ބޮޑު ސަމާލުކަމެއް ނުދިނުމުން އެ ޒުވާބު ހިނގިތަނުން މުނީރާއަށް ޝޮކެއް ޖެހުނެވެ. އޭގެ 3 ދުވަސް ފަހެވެ. އުމަރަށް ހޭލެވުނީ މީހަކު އޭނާއަށް ގޮވާތީއެވެ. އުމަރަށް ބުނި ގޮތުގައި އޭނާއަށް އުފަލުން އުދުހެވުނު ކަހަލައެވެ. އުމަރަށް ގޮވަމުންދިޔައީ އޭނާގެ މަންމައެވެ. އެއީ އެތައް އަހަރެއް ވަންދެން އުމުރަ ދުށް ހަމައެކަނި ހުވަފެނެވެ. އޭނާގެ މަންމަ ހޭ އެރުމަށްފަހު ދުލުން ބޭރުކޮށްލި ފުރަތަމަ ލަފުޒަކަށްވީވެސް ޚުދު އުމަރުގެ ނަން ކަމުން، އުމަރަށް ލިބުނު އުފާ އެތައް ގުނައަކަށް އިތުރުވި ކަމަށް އޭނާ ބުނެއެވެ.

މުނީރާ މިހާރު ދިރިއުޅެމުންދަނީ އަބޫދާބީގައެވެ. ކުދިކުދި ވާހަކަތަކުގައި ބައިވެރިވެވެއެވެ. ގަވައިދުން ފިޒިއޮތެރަޕީ ހަދައެވެ.

މިފަދަ ބައެއް ހާދިސާތައް ސިއްހީ ތާރީހުގައި ހިނގާފައި އެބަހުއްޓެވެ. މީހަކު ކޯމާއަކަށް ދިއުމަށްފަހު އަހަރުތަކަކަށްފަހު ހޭ އަރާފާނެ ކަން ކުރީ ބައިގައި ޔަގީންކަމާއެކު ދެނެގަނެވޭކަށް ނޯވެއެވެ. އޭގައި އޮތީ ހެއްދެވި ފަރާތަށް ދުއާ ދެންނެވުމާ، އުއްމީދު ކަނޑާނުލުމެވެ.