އިންޑއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސްއިން އިންޑިއާގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްކޮށްފައި ވަނީ ވަރަށް އަވަހަށް ރާއްޖޭގައި ހަރުކޮށްފައި ހުރި ރާޑަރުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފަށާނޭ ކަމަށެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޑަރުތަކުން ބަލަން ފެށުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގެ މައުލޫމާތުވެސް އިންޑިއާގެ ސެންޓަރަލް ކޮމާންޑަށް ވަގުތުން ލިބޭނެއެވެ. އެގޮތުން ރާޑަރުތައް މެދުވެރިކޮށް އުޅަނދުގެ ލޮކޭޝަނާއި، ވީޑިއޯ އާއި ފޮޓޯ އިންޑިއާގެ ސެންޓަރަލް ކޮމާންޑަށް ލިބެމުން ދާނޭ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ރާޑަރު ހަރު ކުރުމުގެ މަޝްރޫ ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައެވެ. ނަމަވެސް ރައީސް ޔާމީނުގެ ދައުރުގައި ވަނީ ރާޑަރުތައް ހަރުކުރުމުގެ މަޝްރޫ މެދުކަނޑާލައި އެ ރާޑަރުތަކުން އެއްވެސް މަސަތްކަތެއް ނުކުރެވޭ ގޮތަށް ހަދާފައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ފެށުމާ އެކީ ރައީސް ވަނީ އިންޑިއާއި ރާއްޖޭގެ ހީނަރު ވެފައި ވާ ގުޅުން އިތުރަށް ހަރުދަނާ ކޮށް ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި މެދުކަނޑާލައިފައިވާ ރާޑަރު ހަރުކުރުމުގެ މަޝްރޫ ފަށައި އިތުރަށް 10 ރާޑަރު ހަރުކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް ދަ ޕްރެސްގެ ފަރާތުން މޯލްޑިވްސް ނެޝަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަށް ގުޅުމުން އެފަރާތުން މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
އިންޑިއާއިން ރާއްޖޭގައި މިފަދަ ރާޑަރު ސިސްޓަމެއް ގާއިމް ކުރުމުގެ މަގްސަދަކީ 2011 ވަނަ އަހަރު އިންޑިއާގެ މުންބާއީއަށް ދިންފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުން ކަމަށް އިކޮނޮމިކް ޓައިމްސް އިން އިންޑިއާގެ އަސްކަރިއްޔާއާ ހަވާލާދީ ބުނެފައި ވެއެވެ.