ފަތްޖަހާލެވޭ އެންމެ ސްމާޓްފޯނުގެ ގޮތުގައި ސަމްސަންގް ކުންފުނިން ބާޒާރަށް ތައާރަފުކުރުމަށް ނިންމި "ގެލެކްސީ ފޯލްޑް" ކުރިން ހަމަޖެހިފައި އޮތް ތާރީހުގައި ތައާރަފުކުރެވެން ނެތްކަމަށް ސަމްސަންގް ކުންފުނިން ހާމަކޮށްފިއެވެ.

މި އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ގެލެކްސީ ފޯލްޑް ބާޒާރަށް ނެރުމަށް ހަމަޖައްސާފައި އޮތް ނަމަވެސް، މި ފޯނަށް ދިމާވަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ފޯނު ނެރޭނެ ތާރީހުވަނީ ފަސްކޮށްފައެވެ.

ފޯނު ނެރުން ފަސްކޮށްފައިވަނީ ސަމްސަންގް ކުންފުނިން ރިވިއު ކުރުމަށް ބައެއް ފަރާތްތަކަށް ދިން ގެލެކްސީ ފޯލްޑް ސްމާޓްފޯނުތަކުގެ ސްކްރީން ހަލާކުވެގެން ގިނަ ބަޔަކު ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސަމްސަންގް ކުންފުނިން ބުނީ ފޯނު ދެން ނެރޭނީ މުޅި ފޯނުގެ އިވަލުއޭޝަނެއް ހެދުމަށްފަހު، ކުންފުނި ތެރޭގައި ޓެސްޓުތަކެއް ހެދުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއިން ފޯނެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 1800 ޕައުންޑަށެވެ.