ދަންފުޅިއެއްގެ ބައްޓަން ސިފަވާ ގޮތަށް އުފެދިފައިވާ އާދަޔާ ހިލާފު ތަރިއެއްގެ ފޮޓޯ، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން އާންމުކޮށްފިއެވެ.

ނާސާއިން މި މަންޒަރުތައް އާންމުކޮށްފައިވަނީ 1990 ވަނަ އަހަރު އުދުއްސާލި ހަބްލް ޓެލެސްކޯޕަށް 29 އަހަރު ފުރުމުގެ މުނާސަބާއާއި ދިމާކޮށެވެ.

ނާސާއިން އާންމުކޮށްފައިވާ މަންޒަރުތަކަށް ބަލާއިރު ފެނިގެންދަނީ ތަރީގެ ނިޒާމެކެވެ. ސަދަން ކްރޭބް ނެބިއުލާގެ ނަން ދިފައިވާ މި ނިޒާމުން ފެނިގެންދަނީ ބޮޑު ރަތްތަރިއަކާ އޭގެ މެދުގައިވާ ކުޑަ ހުދު ތަރިއެކެވެ.

ވިލާތުގެ ޖައްވީ އިދާރާ (އީ.އެސް.އޭ)އިން ބުނީ ބޮޑު ރަތް ތަރިން ބޭރުކުރާ މާއްދާތައް ކުޑަ ހުދުތަރިއަށް ދަމައިގަތުމަށްފަހު ހުދުތަރިންވެސް ގޮވުންތަކެއް ގޮވާ، މާއްދާތަކެއް ބޭރުކުރާ ކަމަށާ، ބޮޑު ރަތް ތަރީގެ ވަށައިގެންވާ ބައްޓަން އުފެދެނީ މި މާއްދާތަކުގެ ސަބަބުން ކަމަށެވެ.

ސައިންސްވެރިން ސިފަކުރާ ގޮތުގައި ތަރިތަކުގެ މި ހަރަކާތްތައް ސިފަވަނީ ފަރި ނެށުމެއްގެ ގޮތުގައެވެ.