ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 1.5 މިލިއަން އެކައުންޓަކާ ގުޅިފައިވާ އީ-މެއިލް ކޮންޓެކްޓްގެ މައުލޫމާތު، އެފަރާތްތަކުގެ ހުއްދައަކާ ނުލާ އާންމު ކުރެވިފައި ވާކަމަށް ފޭސްބުކް ކުންފުނިން އިއުތިރާފުވެއްޖެއެވެ.
މިމައުލޫމާތު އާންމު ކުރެވިފައިވަނީ ގަސްތުގައި ނޫންކަމަށްވެސް ފޭސްބުކް ކުންފުނިން ވަނީ ބުނެފައެވެ.
މިކަމެއް ހިނގާފައިވަނީ އާ މެމްބަރުން ދެނެގަތުމަށް ބޭނުންކުރަމުންދިޔަ ސިސްޓަމްގެ ތެރެއިން ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ މަގާމުގައި އޮތް ފޭސްބުކްއިން ދަނީ ބުނަމުންނެވެ. އެގޮތުން ފޭސްބުކްއަށް އަލަށް ރެޖިސްޓާ ކުރުމުން އީމެއިލް އެކައުންޓްގެ ޕާސްވާޑް ފޯރުކޮށްދިނުމަށާ، ކޮންޓެކްޓްތައް ކޮޕީކުރުމަށް އަންގާފައިވެއެވެ.
ފޭސްބުކް ކުންފުނިން ބުނީ، މިކަން މިހާރު ބަދަލު ކޮށްފައިވާނެ ކަމަށެވެ. އަދި ކޮންޓެކްޓްތައް އަޕްލޯޑްކުރުންވެސް މިހާރު ހުއްޓާލާފައިވާކަމަށެވެ.
ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފޭސްބުކްގެ ސަބަބުން ޒާތީ ސިއްރުތައް އާންމުވެ، ހާމަވަމުންދާ މައްސަލައާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފޭސްބުކްއަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.