ދިފާއީ ނިޒާމުގައި ބޮޑު ނުކުޅެދުންތެރިކަމެއް ހުރި 8 ކުއްޖަކަށް، އެޗް.އައި.ވީ ވައިރަސް ބޭނުންކޮށްގެން ދިން ޖީން-ތެރަޕީގެ ސަބަބުން ފަރުވާ ކުރެވިފައި ވާކަމަށް އެމެރިކާގެ ސައިންސްވެރިންތަކެއް ބުނެފިއެވެ.

ޓެނަސީގެ ހޮސްޕިޓަލަކުން ކުރި މި ދިރާސާގެ ތަފްސީލުތައް، ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މި ދިރާސާގައި ފަރުވާކޮށްފައިވަނީ އުފެދުމުގައިވެސް ދިފާއީ ބާރު ނެތް ނުވަތަ، އެންމެ ފުރިހަމައަށް ދިފާއީ ނިޒާމު މަސައްކަތް ނުކުރާ، ތުއްތު ކުދިންތަކަކަށެވެ.

ދިފާއީ ނިޒާމުގެ ނުކުޅެދުންތެރިކަމަށް އެކަށީގެންވާ ފަރުވާ ނުހޯދާ ކުދިންނަކީ އާދަޔާ ހިލާފު ސާފުތާހިރު ވެއްޓެއްގައި ބޮޑުކުރަންޖެހޭ ކުދިންތަކެކެވެ. މި ކުދިންނަކީ ޅަ އުމުރެއްގައި މި ދުނިޔެ ދޫކުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކުދިންނެވެ.

ޖީން ތެރަޕީގެ އެހީގައި މި ކުދިންނަށް ފަރުވާ ކޮށްފައިވަނީ ވިހާ ތަނުން، އެކުއްޖާގެ ހަށިގަނޑުން ބޯން މެރޯ ނަގާ، ޖީންސްގައި ހުރި ނުކުޅެދުންތެރިކަން ރަނގަޅުކޮށްގެން ކަމަށް ބުނެވެއެވެ. މިބުނާ ޖީން "ރަނގަޅު" ކޮށްފައިވަނީ ނުރައްކާތެރި އެއިޑްސް ޖައްސާ އެޗް.އައި.ވީ ވައިރަހަށް ބަދަލުތަކެއް ގެނެސްގެންނެވެ.

ދިރާސާ ޓީމުން ބުނީ މި ފަރުވާ ހޯދި ކުދިންގެ ތެރެއިން ގިނަ ކުދިން މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށެވެ.

1970 އަހަރުތަކުގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ޑެވިޑް ވެޓާ، ޕްލާސްޓިކް ޗޭމްބަރުގައި/ފޮޓޯ: ގެޓީއިމޭޖަޒް

އިމިއުނޯޑެފިޝަންސީ ސިންޑްރޯމް ނުވަތަ އެސް.ސީ.އައި.ޑީގެ ހާދިސާއެއް މުޅި ދުނިޔެއަށް އާންމުވެގެން ދިޔައީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ޑޭވިޑް ވެޓާއެވެ. ދިފާއީ ނިޒާމުގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެތުއްތު ކުއްޖާއަށް ދުވަސްތައް ހޭދަކުރަން ޖެހުނީ ޕްލާސްޓިކް ޗޭމްބަރެއްގެ ތެރޭގައެވެ. ދުނިޔެއަށް އުފަންވިތާ އެންމެ 20 ސިކުންތު ވި ތަނާ އޭނާ އެ ޕްލާސްޓިކް ޗޭމްބަރަށް ލީ ގޮތަށް އެއިން ނެރުނީ އުމުރުން 6 އަހަރުގައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހަދިޔާ ކުރި ޕްލާސްޓިކް ބަބްލް ސޫޓެއްގެ ތެރޭގައެވެ. ނުސީދާ ގޮތަކަށް ދަންނަވަނީ ނަމަ، ޕްލާސްޓިކު "ބޮތްކެއް"ގެ ތެރޭގައެވެ. މި ބައްޔަށް ބަބްލް ބޯއީ ޑިޒީޒްއޭވެސް ކިއާ އުޅެނީ މި ސަބަބާ ހެދިއެވެ. ވެޓާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ކުރުމަށް ކުރި އޮޕަރޭޝާން ނާކާމިޔާބުވެ، އެ ކުއްޖާ މި ދުނިޔެއާ ވަކިވީ އުމުރުން 12 އަހަރުގައެވެ.