ގިނަ ބައެއްގެ މެދުގައި މިފަހަކަށް އައިސް ނަން ހިނގަމުން އަންނަ ވީޑިއޯ ހިއްސާކުރެވޭ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮޕް"އަށް އިންޑިއާއިން ނުވަދެވޭ ގޮތް ގޫގްލް އިން ހަދައިފިއެވެ.

އިންޑިއާއިން ޓިކްޓިކްއަށް ނުވަދެވޭ ގޮތް ގޫގްލްއިން ހަދާފައިވަނީ ޓިކްޓޮކްއަކީ ޖިންސީ ފުރައްސާރައަށް މަގުފަހިކޮށް އެކަން ހިންގަމުންދާ ޕްލެޓްފޯމެއް ކަމަށާ، ޓިކްޓޮކްއަކީ އޮރިއާންކާޑަށް މަގުފަހިކުރާ އެޕްލިކޭޝަނެއް ކަމަށް ބުނެ އިންޑިއާގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޓިކްޓޮކް ބޭނުންކުރުމަކީ މަނާ ކަމެއްގައި މިހާރުވެސް ކަނޑައަޅާފައި ވާއިރު، އެކަން ބަދަލުކޮށްދިނުމަށް އެދި ޓިކްޓޮކް ކުންފުނިން އިންޑިއާގެ ހައިކޯޓުގައި އެދުނު އެދުމަށްވެސް އެކޯޓުންވަނީ ފުރަގަސްދީފައެވެ.

ގޫގްލް ޕްލޭސްޓޯ މެދުވެރިކޮށް ޓިކްޓިކް އެޕްލިކޭޝަން އިންޑިއާގައި އިތުރަށް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދާފައިވީ ނަމަވެސް، އެޕަލްއިން މިފަދަ ކަމެއް ކުރިކަމުގެ ޚަބަރެއް ނުލިބެއެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށްވެސް އެޕަލް ކުންފިންވަނީ އިންކާރުކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 30 މިލިއަން އެކައުންޓަކުން އިންޑިއާގައި ވަނީ ޓިކްޓޮކް އެޕްލިކޭޝަން ޑައުންލޯޑް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 12 ގުނަ އިތުރު އަދަދެކެވެ.

ޓިކްޓިކް އެޕްލިކޭޝަނަކީ ދިވެހިންގެ މެދުގައިވެސް ނަން ހިނގާ އެޕްލިކޭޝަނަކަށް ވާއިރު، ބުލީ ކުރުމާ އެނޫންވެސް އެފަދަ ފުރައްސާރަ ކުރުންތައް ހިނގާތަން ފެންނަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.