ފުރާނައަށް ނުރައްކާވާ ދަރަޖައިގެ ބޮމުގެ ހަމަލާތައް އާންމުކޮށް ދެމުން އަންނަ ސޯމާލިއާގެ ވެރިކަން ކުރާ ސިޓީގެ ބައިބޯ މަގުތަކަށް ބަލާއިރު، މުޅި ހިސާބުގައިވެސް ހިލޭ ސާބަހަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހަމައެކަނި ފަރާތަކީ ޢަބްދުލްޤާދިރު ޢަބްދުއްރަޙުމާން އަދާންއެވެ.

އަދާން މި ހިދުމަތް ދޭން ފެށީ މީގެ 13 އަހަރު ކުރިންނެވެ. އެއީ ދަތުގެ ބޭސްވެރިކަމުގެ ރޮނގުން ޕާކިސްތާނުގައި ތައުލީމު ހާސިލުކުރުމަށްފަހު އުފަން ފަސްގަނޑަށް ހިދުމަތް ކުރަން ކުރި ދަތުރުގައި އޭނާއަށް ފެނިގެންދިޔަ މަންޒަރުތަކެއްގެ ސަބަބުންނެވެ. ސިއްހީ ރޮނގުން އޭނާއަށް ލިބިފައި ހުރި އިލްމުގެ ފައިދާ ގައުމަށް ފޯރުކޮށްދިނުމުގެ ފޮނި އުއްމީދުގައި ސޯމާލިއާއަށް ދިޔަ އަދާންއަށް ފެނިގެންދިޔައީ ބަލި މީހުން ވީލްބަރޯތަކުގައި އުފުލަމުންދިޔަ މަންޒަރެވެ. ބޭނުން ކުރަމުންދިޔަ މަދު އެމްބިއުލާންސްތަކަކީ ޕްރައިވެޓް ހޮސްޕިޓަލުތަކުގައި ފައިސާވެރިންގެ ކޯލުތަކަށް އިޖާބަދެމުންދިޔަ އެމްބިއުލާންސްތަކެކެވެ. ކުރާ ކޮންމެ ދަތުރަކަށް ޖީބުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ނަމަވެސް ސޯމާލިއާގެ ގިނަ މީހުންނަކީ އެފަދަ ތަނަވަސްކަމެއްގެ ނަސީބުވެރިންނަކަށް ނުވިއެވެ.

މާ ގިނަ ދުވަހެއް ނުވެ، އަދާން އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިއެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަ އޭނާ ގަތީ މިނީ ބަހެކެވެ. އަދި ފުރޮޅުލީ ގޮނޑީގައިވެސް ބަލިމީހާ އެ އެމްބިއުލާންސްއަށް އެރުވޭ ގޮތަށް އެ އުޅަނދަށް ބަދަލުތަކެއް ގެނައެވެ. އަދާންގެ އެމްބިއުލާންސްގައި އޭރު އުފުލަމުންދިޔައީ އިންތިހާއަށް ޒަހަމްވެފައިވާ މީހުންނާ ވިހަން ކައިރިވެފައިވާ މާބަނޑު އަންހެނުންނެވެ.

ހިލޭސާބަހަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާން ހޭދަކުރަމުންދިޔަ ކޮންމެ ވަގުތަކީ، އެ ހިދުމަތަށް އޭނާގެ އުފަން ފަސްގަނޑު ބޭނުންވެފައި އޮތް މިންވަރު އޭނާއަށް އަންގައިދިން ވަގުތަކަށްވިއެވެ. އެގޮތުން ވިޔަފާރިވެރިންނާ ކަމުވޮށިގެންވާ ބައެއް މީހުންނާ ބައްދަލުކޮށް، އެކަމަށް އެހީ ހޯދަމުން ގޮސް، އިތުރު ބަހެއް ހޯދާނެ ފައިސާ ޖަމާކުރިއެވެ. އޭރު އޭނާ ދިޔައީ ޔުނިވާސިޓީއެއްގައި ޓިއުޝަންވެސް ދެމުންނެވެ. ފުރާނަ ސަލާމަތްކޮށްދޭން ބޭނުންތޯ ދަރިވަރުން ގާތު އަހާ، އެކަމަށް ޝައުގުވެރިވި ދަރިވަރުންގެ އަތުން 1 ޑޮލަރުގެ ޗަންދާއެއް ނަގާ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް އަދާން ގެންދިޔައީ ކުރިއަށެވެ.

މިއަދު އަދާންގެ އެމްބިއުލާންސް ހިދުމަތުގައި 20 އުޅަނދާ 35 މުވައްޒަފުން ހަރަކާތްތެރިވެއެވެ. ގިނައީ ހިލޭސާބަހަށް މި ހިދުމަތުގައި އެހީތެރިވެދޭ ފަރާތްތަކާ ދަރިވަރުންނެވެ. "އަމީން އެމްބިއުލާންސް" ނުވަތަ އިތުބާރު ކުރެވޭ އެމްބިއުލާންސްގެ ނަމުގައި އަދާން މި ހިދުމަތް ދެމުން އަންނަނީ ސޯމާލިއާ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ. ނަމަވެސް ޔޫއެންޑީޕީއާއި ޑަބްލިއުއެޗްއޯއިން ވަނީ މި ހިދުމަތަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.