ނޫސްވެރިކަމުގެ ރޮނގުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'ޕުލިޓްޒާ ޕްރައިޒް'ގެ މިފަހަރުގެ ހައްގުވެރިންނަކީ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ލާއިންސާނީ ކަރީމާގެ ވާހަކަތައް ބައިނަލްއަގުވާމީ މީޑިއާއަށް ފޯރުކޮށްދިން 2 ނޫސްވެރިންކަމަށް އިއުލާންކޮށްފިއެވެ.

ރޯހިންޏާ "ގަތުލުއާންމު"ގެ ވާހަކަތައް ބައިނަލްއަގުވާމީ މަސްރަހަށް ކަޝްފުކޮށްދިން "ކުށުގައި" މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ވާ ލޯން އާއި ކްޔޯ ސޯއީ އޫ ވަނީ 490 ދުވަސް މިހާރުވެސް ޖަލުގައި ހޭދަކޮށްފައެވެ.

މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން މި 2 ނޫސްވެރިން ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި އެމީހުންގެ މައްޗަށް 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މި 2 ނޫސްވެރިންގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ މިޔަންމާގެ ސިއްރު ހިފެހެއްޓުމުގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެއެވެ.

މި 2 ނޫސްވެރިންނަކީވެސް ބައިނަލްއަގުވާމީ ފެންވަރުގައި ޚަބަރުތައް ގެނެސްދިނުމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ބޮޑު އިތުބާރަކާ މަގުބޫލުކަމެއް ހޯދާފައިވާ ރޮއިޓާޒްއަށް މަސައްކަތްކޮށްދެމުންދިޔަ 2 ނޫސްވެރިންނެވެ.

ރޮއިޓާޒް އިދާރާއިން ބުނީ، 2 ނޫސްވެރިން މިނިވަންވުމުގެ ކުރިން މި ލިބުނު ޝަރަފުގެ އުފާފާޅުނުކުރާނެކަމަށެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގައި އުފެދިފައިވާ ބަނޑުހައިހޫނުކަމުގެ ވޭންތަކާ، ލައިންސާނީ އަނިޔާގެ ވާހަކަތައް މީޑިއާއާއި ހަމަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި އެސޯސިއޭޓަޑް ޕްރެސްގެ 3 ނޫސްވެރިއަކަށްވެސް މިއަހަރުގެ ޕުލިޓްޒާ ޕްރައިޒްގެ ޝަރަފުވަނީ އަރުވާފައެވެ.