ކޮންމެ ހަފުތާއަކު 6 ދުވަހު، އަދި ދުވާލަކު އެންމެ މަދުވެގެން 12 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެ ކަމަށް ބުނެ ޗައިނާގެ ބިލިއަނަރު އަދި މަޝްހޫރު ވިޔަފާރި ޕްލެޓްފޯމް އަލިބާބާގެ ބާނީ ޖެކް މާ ކުރަމުންދާ ވަކާލާތު ތަކުރާރުކޮށްފިއެވެ.

ޖެކް މާ ވަކާލާތު ކުރަމުންދާ "996 ސިސްޓަމް"އަކީ މި ދުވަސްވަރު މީޑިއާގައި އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއް މައުޟޫއަށްވެސް އޮތީ ވެފައެވެ.

ޖެކް މާ ބުނާ ގޮތުގައި މި އުސޫލުން ބޭރުން މަސައްކަތްކުރާނަމަ ޗައިނާގެ އިގުތިސޯދަށް ލިބިފައިވާ އޮތް މުހިންމުކަން ގެއްލިގެން ހިނގައިދާނެއެވެ.

996 ގަޑިއިރު މަސައްކަތްކުރުމަކީ ލިބޭނެ "ރަހުމަތެއް" ކަމުގައި މާ ބުނާއިރު، އީ-ކޮމާސްގެ ވިޔަފާރީގައި ކުރިއަރާފައިވާ ޖޭޑީ ޑޮޓް ކޮމްގެ އިސްވެރިޔާ ރިޗާޑް ލިއުވެސް ވަނީ މާގެ ވާހަކަތަކަށް ތައުރީފުކޮށްފައެވެ.

1970ގެ ފަހުކޮޅުން ފެށިގެން 2000ގެ އަހަރުތަކުގެ މެދަކާ ހިސާބާ ޖެހެންދެން 25 އަކަށް އަހަރު ވަންދެން ޗައިނާގެ އިގުތިސޯދީ ކުރިއެރުން އެވަރޭޖުކޮށް %10 ގައި ކޮންމެ އަހަރަކުވެސް އުޅުނުކަމަށާ، ނަމަވެސް މިހާރު އެއަދަދު ވަނީ ގާތްގަނޑަކަށް 6 ޕަސެންޓް އަށް މަޑުޖެހިލާފައިކަން ލިއު ފާހަގަކުރެއެވެ.

ޖެކް މާ އާއި ލިއު މިފަދަ މޭރުމަކުން ވާހަކަދައްކާފައިމިވަނީ ލިއުގެ ކުންފުނިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ކަމުގެ ޚަބަރުތަކެއްވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.