ވެލާ ރިސޯޓް ހިންގާ ކުންފުނި ކަމަށްވާ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަމިއްލަ ފަރާތަކަށް ދޭން ޖެހޭކަމަށް ބުނާ ދެ މިލިއަން ޑޮލަރުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުން އެ ކުންފުންޏާއި އެއްކޮޅަށް ނިންމައިފިއެވެ.

މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރީ ގްލެޑޯނިއާއިން އަމިއްލަ ފަރާތެއްކަމަށްވާ، ށ.ފޯކައިދޫ، އައްސޭރި، އަހްމަދު އަޝްފާގަށް ދޭންޖެހޭ ފައިސާއެއް ނެތްކަމަށެވެ. އަޝްފާގު އުފުލި މިދައުވާއަކީ ގްލެޑޯނިއާއިން ގަތް ކަމަށް ބުނާ ގަސްތަކެއްގެ އަގު ދިނުމަށް އެ ކުންފުނިން ދެކޮޅު ހެދުމާއި ގުޅިގެން އުފުލި ދައުވާއެކެވެ.

މި މައްސަލަ ފެށުނު ހިސާބުން ފެށިގެން ގްލެޑޯނިއާ އިން ބުނަމުން އަންނަނީ އެކުންފުނިން ގަސްގަނެފައި ވަނީ ސައީދު ނަމަކަށް ކިޔާ ސަޕްލަޔަރެއްގެ އަތުން ކަމަށެވެ. އަދި ގަސް ގަތުމާއި ގުޅޭ ހުރިހާ ލިޔެކިއުމެއް ދެފުށް ފެންނަ ގޮތަށް ހުންނާނެ ކަމަށްވެސް ގްލެޑޯނިއާ އިން ބުނެއެވެ. އަދި އެކުންފުނިން ބުނީ އަޝްފާގަކީ ސައީދު ސަބްކޮންޓްރެކްޓް ކުރި މީހަކަށް ވުމާއި އެކު ސައީދު ސަޕްލައި ކުރި ގަސްތަކުގެ އިތުރުން އަޝްފާގު ދައުވާކުރާ ހަ ޑެލިވަރީ އަކަށް ވެސް އަގު ދީފައިވާނެ ކަމަށެވެ.

އަޝްފާގުގެ މުޅި ދައުވާ ބިނާވެގެން ދަނީ ދޮގު ޑެލިވަރީ ނޯޓްސް (ބޯޓް ނޯޓްސް) ތަކެއްގެ މައްޗަށް ކަމަށް ގްލެޑޯނިއާ އިން ބުނެއެވެ. އެ ކުންފުނިން ބުނީ މި ނޯޓްސަތަކުގެ އަސްލެއް ކޯޓުގެ އަޑުއެހުންތަކުގެ ތެރެއިން ވެސް އެ ކުންފުންޏަށް ފެނިފައި ނުވާކަމަށެވެ. އަދި މި ނޯޓް ތަކުގައި އަގުތައް ހުށަހަޅާފައި ވަނީ ގްލެޑޯނިއާ އިން އަމަލުކުރާ އާންމު އުސޫލާއި ހިލާފަށް ކަންވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ގްލެޑޯނިއާ އިން ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތް ތަކަށް ބޭނުން ކުރަނީ ދިވެހި ރުފިޔާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި މައްސަލައަކީ 2013 ވަނަ އަހަރު ސިވިލް ވޯޓުން ގްލެޑޯނިއާ އާ އެއްކޮޅަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް، 2015 ވަނަ އަހަރު އަޝްފާގު މި މައްސަލަ ހައި ކޯޓަށް އިސްތިއުނާފް ކުރުމުން ހައި ކޯޓުންވަނީ އަޝްފާގާއި އެއްކޮޅަށް މައްސަލަ ނިންމާ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް އަމުރު ކޮށްފައެވެ. އޭގެފަހުން ރާއްޖޭގެ ހައިކޯޓުގެ ނިންމުން ރަގަނޅު ނޫންކަމަށް ބެލެވޭ ނުކުތާތަކާއި ހެކިތައް ބަޔާންކޮށް 2017 ވަނަ އަހަރު ގްލެޑޯނިއާއިން ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސް ހުށަހަޅާފައެވެ. މިއަދު ސުޕްރީމްކޯޓުން ހުކުމް ކޮށް މައްސަލަ ވަނީ ނިންމާފައެވެ.