ދުނިޔޭގެ ނިސްބަތުން ބަލާއިރު މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއިން އެގައުމުގެ ރިޔާސީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އޭޕްރިލް 17 ވާ ބުދަ ދުވަހަށެވެ.

މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯއާއި ދެކޮޅަށް ނިކުންނަ ރިޔާސީ ކެނޑިޑޭޓު ޕްރަބޯވޯ ސުބިއަންޓޯ މިހާރުވެސް ވަނީ އިންތިހާބުގެ ނަތީޖާއަށް ގޮންޖަހާނެކަމަށް ބުނެ، ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

އިންޑޮނޭޝިއާގައި ބުދަ ދުވަހު ކުރިއަށްގެންދާ ރިޔާސީ އިންތިހާބަކީ އެ ގައުމުގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އިންތިހާބެވެ. ރައީސް ކަމުގެ މަގާމުގެ އިތުރުން ގާނޫނު ހަދާ މަޖިލީހާ ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް 245000 ކެނޑިޑޭޓަކު ވާދަކުރާއިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 190 މިލިއަން މީހުން އިންޑޮނޭޝިއާގައި އެބަތިއްބެވެ.

ކަންމިހެންއޮތްނަމަވެސް، މިފަހަރުގެ އިންތިހާބީ ރޭހަކީ ރައީސް ކަމުގައި ހުންނެވި ވިޑޯޑޯއަށް އެ މަގާމު ހައްގުތޯ ނުވަތަ ނޫންތޯ ބެލުމަށް ނުސީދާ ގޮތެއްގައި ނަގާ 'ފެންނަ ނުފެންނަ' ވޯޓެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

އިންޑޮނޭޝިއާގެ އިންތިހާބީ ރޭހުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ އެގައުމުގެ އެންމެ އިރުމަތީގައި އޮންނަ ޕަޕުއާއިން އިންޑޮނޭޝިއާ ގަޑިން ހެނދުނު 07:00 ގައެވެ. ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އެންމެ ހުޅަނގުގައި އޮންނަ ސުމާޓްރާއިން މެންދުރު އަނބުރާ 01:00ގައި ކަމަށް ޚަބަރު ލިބެއެވެ.

އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި 800000 މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ރައްޔިތުން ހޮވާ ކެނޑިޑޭޓު ފާހަގަކުރުމުގެ ގޮތުން އެ ކެނޑިޑޭޓަކާ ދިމާލަށްވާ ގޮތަށް އޮންނަ ގޮޅި ޕަންޗްކުރުމަށް އިންޑޮނޭޝިއާގެ އިންތިހާބީ ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ. މިއީ ފާހަގައެއް ޖެހުމުގެ ތެރޭގައި ބާތިލު ވޯޓެއްގެ ގޮތުގައި އިތުރު ގޮޅިއެއްގައި ފާހަގަޖެހުން ފަދަ ކަންކަމުން ސަލާމަތްކޮށްދޭ އުކުޅެކެވެ. އިންތިހާބީ ރޭހުގައި ވޯޓުދިން މީހަކު ދެވަނަ ފަހަރަށް ވޯޓުނުލާކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ މީހެއްގެ އިނގިލީގ ފުރަތަމަ ބަދަޔާ ހިސާބަށް، ވަކި ހާއްސަ ދެލި ފުޅިއަކަށްލާ، އަތުގައި ކުލަޖެހެންދެން މަޑުކުރަންޖެހެއެވެ.

ވަގުތީ ނަތީޖާ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ލިބޭނެ ކަމަށް ބުނާއިރު، ރަސްމީ ނަތީޖާ ލިބޭނެކަމަށް ލަފާކުރެވެނީ މޭމަހުގެ ތެރޭގައެވެ.