ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސާ މާކް ޒަކަބާގްއާއި އޭނާގެ އާއިލާގެ ޚަރަދުތަކަށް ފޭސްބުކް ކުންފުނިން 2018 ވަނަ އަހަރު 22.6 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

1 ޑޮލަރުގެ މުސާރައެއް ނަގާ "ޝަހްސެއް"ގެ ގޮތުގައި ފާއިތުވީ 3 އަހަރެއްހާ ދުވަހު ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒަކަބާގުގެ "އެހެނިހެން" ޚަރަދުތަކަށް ހިނގި ފައިސާ އިތުރުވުމާއެކު ގިނަ ބަޔަކު ދަނީ ޒަކަބާގްއަށް ފާޑުކިއަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޒަކަބާގްއަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޭނާގެ ސެކިއުރިޓީއަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ޒަކަބާގްއާއި އޭނާގެ އާއިލާގެ ސެކިއުރިޓީއާއި ގުޅުންހުރި ކަންކަމަށް 2018 ވަނަ އަހަރު ވަނީ ގާތްގަނޑަކަށް 20 މިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްފައެވެ. 2017 ވަނަ އަހަރު މިއަދަދު އުޅުނީ އެންމެ 9 މިލިއަން ޑޮލަރުގައެވެ. ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަށް 2.6 މިލިއަން ޑޮލަރު ޒަކަބާގް ޚަރަދުކޮށްފައި ވާއިރު، މިއީވެސް އޭނާގެ ސަލާމަތާ ގުޅުންހުރި ފިޔަވަޅެއް ކަމަށް ފޭސްބުކް ކުންފުނިން ބުނެއެވެ.

ފޭސްބުކް ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސާ ޝާލް ސޭންޑްބާގު 2018 ވަނަ އަހަރު މުސާރައިގެ ގޮތުގައި ގެންގޮސްފައިވަނީ 23.7 މިލިއަން ޑޮލަރެވެ. 2017 ވަނަ އަހަރު މުސާރައިގެ ގޮތުގައި ގެންދިޔައީ 25.2 މިލިއަން ޑޮލަރެވެ.