ދުނިޔޭގެ ތާރީހުގައި އުފެއްދި އެންމެ ބޮޑު އަދި ބިޔަ މަތިންދާބޯޓު ކާމިޔާބު ކަމާއެކު އުދުއްސާލައިފިއެވެ.

"ދަ ސްޓްރާޓޯލޯންޗް"ގެ ނަންދީފައިވާ މި މަތިންދާބޯޓު އުދުއްސާލާފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ މަހާވީ ޑެޒާޓްއިންނެވެ.

މި މަތިންދާބޯޓަކީ ޕޯލް ޖީ އެލެންގެ ސްޓްރާޓޯލޯންޗް ސިސްޓަމްސް ކޯޕަރޭޝަންގެ އުފެއްދުމެކެވެ.

"ދަ ސްޓްރާޓޯލޯންޗް"ގެ ހާއްސަ ސިފަތަކަށް ބަލާއިރު، މި މަތިންދާބޯޓުގެ ފިޔަގަނޑު ފަށާ ހިސާބުން ގޮސް އަނެއް ފަރާތުގެ ފިޔަގަނޑު ނިމޭ ހިސާބުގެ ދިގު މިނުގައި 385 ފޫޓު ހުންނަ ކަމަށް ވެއެވެ. ބޯޓު މިލްކު ކުރާ ކުންފުނިން ބުނާ ގޮތުގައި މި ބޯޓަކީ 589670 ކިލޯގްރާމާއެކު ވައިގެ ތެރެއަށް އުދުއްސާލުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ. މިއީ ރޮކެޓްތަކާ ސެޓެލައިޓްތައް ޖައްވަށް ފޮނުވުމަށްވެސް މުސްތަގުބަލުގައި އެހީވެދޭނެ މަތިންދާބޯޓެއް ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

ދިގުމިނުގައި 238 ފޫޓު ހުންނަ މި މަތިންދާބޯޓު ފަރުމާކޮށްފައި ވަނީ 2 ފިއުޒެލާޖު ނުވަތަ މައިގަނޑު ބައެއްގެ މައްޗަށެވެ. މި މަތިންދާބޯޓު އުދުއްސަނީ ބޮއިންގް 747 މަރުކާގެ މަތިންދާބޯޓުތައް އުދުއްސުމަށް ފަރުމާކޮށްފައިވާ އިންޖީނުގެ 6 އިންޖީނުގެ އެހީގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މަތިންދާބޯޓުގެ އެންމެ ބާރު ސްޕީޑް ލިމިޓަކީ ގަޑިއަކު 189 މޭލެވެ. މި މަތިންދާބޯޓުގެ ފުރަތަމަ އުދުހުމުގައިވެސް މި ސްޕީޑްގައި މަހާވީ ޑެޒާޓްގެ ވައިގެ ސަރަހައްދުގައި 150 އަކަށް މިނެޓް ވަންދެންވަނީ އުދުހިފައެވެ.

އެލުމިނިއަމްގެ ބަދަލުގައި މި ބޯޓު ފަރުމާކޮށްފައި ވަނީ ކާބަން ފައިބަރު ބޭނުންކޮށްގެންނެވެ. "ދަ ސްޓްރާޓޯލޯންޗް" އަކީ ދުނިޔޭގެ އެންމެ ބިޔަ އަދި ބޮޑު މަތިންދާބޯޓުގެ ޝަރަފު ހޯދި މަތިންދާބޯޓަށް ވީ ނަމަވެސް، މި މަތިންދާބޯޓަށްވުރެ ސައިޒުގެ ގޮތުން ދިގު މަތިންދާބޯޓުތައް ވައިގެ އުދުހުންތަކުގެ ތާރީހުން ވަނީ ފެނިފައެވެ.

ސްޓްރާޓޯލޯންޗް ސިސްޓަމްސް ކޯޕަރޭޝަން އަކީ 1975 ވަނަ އަހަރު ބިލް ގޭޓްސްއާއިއެކު ހަރަކާތްތެރިވި ޕޯލް އެލަންގެ އަމިއްލަ ކުންފުންޏެކެވެ. ޕޯލް އެލަންވަނީ ވަނީ 2017 ވަނަ އަހަރު މަރުވެފައެވެ.