މީގެ މަހެއްހާ ދުވަސްކުރިން ނިއުޒީލަންޑްގެ ކްރިސްޓްޗާޗްގެ 2 މިސްކިތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީ، 50 މީހުން މަރާލި ހާދިސާގެ ހަނދާނުގައި، ޕާކިސްތާނުގެ އެތައް ހާސް މުސްލިމުންނެއް ކްރިސްޓްޗާޗްގެ އަލް ނޫރު މިސްކިތުގެ ތަސްވީރު ކުރެހުމުގައި ބައިވެރިވެއްޖެއެވެ.

ކްރިސްޓްޗާޗް ހަމަލާގައި އެންމެ ގިނަ މީހުން މަރުވެދިޔަ އަލް ނޫރު މިސްކިތް ސިފަވާ ގޮތަށް، ހުދުކުލައިގެ ހެދުމުގައި ތިބި އެތައް ހާސް ބަޔަކު، ސަފުސަފަށް އެތުރިލީ ޕާކިސްތާނުގެ މެދުތެރޭ ސިޓީއެއްކަމަށްވާ ޖަހާންގްގައެވެ.

ޕާކިސްތާނުގެ ސަގާފީ ހެދުމެއް ކަމަށްވާ ސަލްވާރާ ކަމީޒް އަދި ތާކިހާ އަޅައިގެން ތިބެ، ފެހި ކުލައިގެ ވިނަގަނޑެއްގެ މަތީގައި އިންސާނީ ސަފަކުން އަލް ނޫރު މިސްކިތް ކުރަހާލިއިރު، އިތުރު ޖަމާއަތަކުންވަނީ "އިސްލާމް ދީނަކީ ސުލްހަ" ކަން ދޭފަދަ ޝިއާރެއް އަޅާފައެވެ.

ނިއުޒީލަންޑްއާއި ޕާކިސްތާނުގެ ބޮޑު ދިދައެއްވެސް އެ ސަރަހައްދުގައި ފަތުރާފައި އޮތްއިރު، ޕާކިސްތާނު އޮތީ ކްރިސްޓްޗާޗްގެ ޝަހީދުންނާ އެކުގައިކަން ދޭހަވާފަދަ ބޮޑު ބެނާއެއްވެސް އެސަރަހައްދުން ފެންނަން ހުއްޓެވެ.

މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ ޕާކިސްތާނުގައި މުސްލިމް އިންސްޓިޓިއުޓް އެން.ޖީ.އޯއިންނެވެ. މި އެން.ޖީ.އޯއަކީ އިސްލާމީ ދުނިޔޭގައި ސުލްހައާއި ހަމަޖެހުން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިންވަނީ މި ހަރަކާތުގެ ޑްރޯން ފުޓޭޖުވެސް އާންމުކޮށްފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓް، އަސްކަރީ ދަރަޖައިގެ ބަޑިއެއް ހިފައިގެން ކްރިސްޓްޗާޗުގެ 2 މިސްކިތަކަށް ވަދެ ހަމަލާދިން މައްސަލާގައި އޭނާ މިހާރު ހުރީ ނިއުޒީލަންޑްގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާއާ ދެކޮޅަށް ދައުވާ ކުރަމުންދަނީ 50 މީހުންގެ މަރުގެ މައްސަލައާއި 39 މީހަކު މަރާލަން އުޅުނުކަމުގެ މައްސަލާގައެވެ.

މާޗް 15 ވަނަ ދުވަހުގެ ހަމަލާގައި، ޕާކިސްތާނުގެ 9 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.