ދަރިމައިވުމުގެ ސިއްހަތާ ބެހޭ ކުލިނަކަކުން ފަރުވާ ހޯދި މީހުންނަށް ލިބުނު ކުދިންގެ ތެރެއިން 49 ކުއްޖަކީ، ފަރުވާ ކުރި ޑޮކްޓަރުގެ ދަރިފަނިން އުފެދިފައިވާ ކުދިން ކަމަށް ޑީއެންއޭ ޓެސްޓުތަކުން ދައްކައިފިއެވެ.

ނެދަލަންޑްސްގެ ޑޮކްޓަރެއް ކަމަށްވާ ޔަން ކަރްބާތް މިކަން ކުރީ، ރޮޓާޑޭމްގައި އޭނާ ހިންގި ކުލިނިކުން ފަރުވާ ހޯދި އަންހެނުންގެ ތެރެއިން، އޭނާ މާބަނޑުކުރި އަންހެނުންގެ ރުހުމަކާ ނުލާކަމަށް ޚަބަރު ލިބެއެވެ.

ޔަން ކަރްބާތްގެ މައްސަލަ އެންމެ ފުރަތަމަ މަތިވީ 2017 ވަނަ އަހަރުއެވެ. އެއީ 40 އަކަށް އަހަރުވަންދެން އޭނާ ހިންގި ކުލިކުން ފަރުވާ ހޯދި އަންހެނުންނަށް ލިބޭ ދަރިންގެ މެދުގައި އާއިލީ ގުޅުމެއް ވާ ކަމަށް އެ ކުދިން ވިހޭ މައިންނަށް އިހުސާސްވާން ފެށި ހިސާބުންނެވެ. ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، މީގެ ތެރެއިން އެއް މަޔަކަށް ލިބުނު ދަރިފުޅު، ޖިސްމާނީ ގޮތުންވެސް ޔަން ކަރްބާތްއާއި އިންތިހާއަށް ސިފަ އެއްގޮތްވުމެވެ. މިމައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ބަލަން ފަށާ، ޔަން ކަރްބާތްގެ ގެއިން ބައެއް ސާމާނުތައް ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ޔަން ކަރްބާތްކުލިކުން ފަރުވާ ހޯދި އަންހެނުންނަށް ލިބުނު ދަރިންގެ ޑީއެންއޭ ޓެސްޓު ހަދަން އަމުރުކުރެވުނެވެ. އެ ޓެސްޓުތައް ހަދާ ނިމި، ނަތީޖާ ކަށަވަރުކޮށް އިއުލާންކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ޔަން ކަރްބާތް ވަނީ 2017 ވަނަ އަހަރުގެ އެޕްރިލް މަހު، އުމުރުން 89 އަހަރުގައި މަރުވެފައެވެ.