ތުއްތު ކުދިންނަށް ހާއްސަކޮށްގެން ކުޅޭ ސަމާނާ އެނޫންވެސް ބައެއް އުފެއްދުންތައް ބާޒާރަށް ނެރެމުންއަންނަ މަޝްހޫރު ކުންފުނި 'ފިޝާ-ޕްރައިސް'ގެ "ރޮކް އެން ޕްލޭ ސްލީޕާޒް" ބޭނުންކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވަމުންދާ މައްސަލައެއް ފެންމަތިވެ، އެ މޮޑެލްގެ 5 މިލިއަނެއްހާ އައިޓަމް ބޭނުން ކުރުން ހުއްޓާލުމަށް އެކުންފުނިން ގޮވާލައިފިއެވެ.
ފިޝާ-ޕްރައިސްގެ އުފެއްދުންތަކަކީ ރާއްޖޭގެ ބާޒާރުންވެސް ލިބެން ހުންނަ އައިޓަމްތަކެކެވެ.
ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވި ހާދިސާތަކާ ގުޅިގެން 'ފިޝާ-ޕްރައިސް'ގެ "ރޮކް އެން ޕްލޭ ސްލީޕާޒް" ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާކަން އެމެރިކާގެ ކޮންޒިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަން (ސީ.ޕީ.އެސް.ސީ)އިން ވަނީ ކަށަވަރުކޮށްދީފައެވެ.
2009 ވަނަ އަހަރު ތައާރަފުކުރި 'ފިޝާ-ޕްރައިސް'ގެ "ރޮކް އެން ޕްލޭ ސްލީޕާޒް" އާއި ގުޅިގެން މިހާތަނަށް 30 ކުއްޖެއްގެ މަރުގެ ހާދިސާ ވަނީ ރިޕޯޓްކޮށްފައެވެ. މި ޕްރޮޑަކްޓް ބޭނުން ކުރުން ހުއްޓާލުމަށް ފިޝާ-ޕްރައިސް ކުންފުނިން ގޮވާލީ އަމިއްލަ އިހުތިޔާރުގައި ނަމަވެސް، މިއީ ބޭނުން ކުރަން ރައްކާތެރި އައިޓަމެއް ކަމަށް އެކުންފުނިން އަދިވެސް ދަނީ ބުނަމުންނެވެ.
ފިޝާ-ޕްރައިސް ކުންފުނިން ބުނާ ގޮތުގައި ތުއްތު ކުދިން މަރުވުމުގެ ހާދިސާތައް ހިނގާފައިވަނީ ޕްރޮޑަކްޓް ބޭނުންކުރިއިރު ތުއްތު ދަރިފުޅު ރަނގަޅަށް އޭގައި ހައްޔަރުކޮށް، އަޅުވަންޖެހޭ ބެލްޓުތައް ނާޅުވާ އޮތުމާ އެފަދަ ހާލަތްތަކަކާ ގުޅިގެން "ރޮކް އެން ޕްލޭ ސްލީޕާޒް" އިން އެ ކުއްޖާ ފުރޮޅިގެން ކަމަށެވެ.
މިހާރުވެސް މި ޕްރޮޑަކްޓް ބޭނުންކުރަމުންދާ ފަރާތްތަކުން މިހާރުން މިހާރަށް މި އައިޓަމް ބޭނުން ކުރުން ހުއްޓާލުމަށްފަހު، މާލީ ބަދަލު ހޯދުމަށްޓަކައި ސާބިތު ހިފެނިވި ލިޔެކިއުންތަކާއެކު އެކުންފުންޏަށް ހުށަހަޅުމަށް ފިޝާ-ޕްރައިސް ކުންފިނިން ވަނީ ގޮވާލާފައެވެ.
ސަޑަން އިންފަންޓް ޑެތް ސިންޑްރޯމް (ސިޑްސް)އިން ތުއްތު ދަރިފުޅު ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެ ވަރަށް އަސާސީ ކަންތައްތަކެއް ހުރެއެވެ. އެގޮތުން:
- ނިންދެވުމަށްފަހު އެނދު/ކޮށީގައި ދަރިފުޅު ބާއްވާއިރު އަބަދުވެސް ބޯލުމަށް ހާއްސަކޮށްފައިވާކޮޅަށް ބޯކޮޅު ބޭއްވުން
- ގައިމަތީގައި ރަޖާ ފަދަ އެއްޗެއް އަޅާނަމަ ދަރިފުޅުގެ މެޔަށްވުރެ ރަޖާ މައްޗަށް ނާރާނެ ގޮތަކަށް ދަރިފުޅުގެ ކިހިލިފަތާ ދިމާ އަޑިން އެ ރަޖާ، ދަށަށް ވާ ގޮތަށް މަޅާލުން/ލައްވާލުން
- ނިދާފައި އޮންނަ ވަގުތު މާ ބޮޑަށް ފިނި/ހޫނު ވިޔަ ނުދިނުން
- ތުއްތު ދަރިފުޅުގެ ބޮލުގައި އެއްވެސް އެއްޗެއް ނާޅުވާ ހާމައަށް ބޭއްވުން
މިފަދަ ކަންކަން ކުރުމަކީ، ނިދީގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދޭނެ އާދައިގެ، އެހެންނަމަވެސް ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތެކެވެ.