ފަހުގެ ތާރީޚުގައި ދުނިޔެދުށް އެންމެ ޚުދުމުޚުތާރު އަދި އެންމެ ރަހުމުކުޑަ ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޖަރުމަނުވިލާތުގެ ކުރީގެ ޗާންސެލަރު އެޑޯލްފް ހިޓްލަރަށް ސޯޝަލް މީޑިއާ ވަރަށް ކަމުދާނެ ކަމަށް ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ބުނެފިއެވެ.

ރޭގަނޑުގެ ކެއުމެއްގައި ވާހަކަ ދައްކަމުން އައިގާ ބުނީ ހައްދުފަހަނައަޅާފައިވާ ޕްރޮޕަގަންޑާ ފެތުރުމަށް ސޯޝަލް މީޑިއާއަށްވުރެ ބޮޑަށް ހިޓްލަރު ގަޔާވާނެ އާލާތެއް ނުލިބޭނެ ކަމަށެވެ.

ސޯޝަލް މީޑިއާއަކީ ސުވާލު އުފެދިފައިވާ ސިކުނޑިތައް ކާލުމަށް އެފަދަ ދެވަނައެއް ނެތް ޕްލެޓްފޯމަކަށް ވެފައިވާކަން ފާހަގަކޮށް އައިގާ ބުނީ ނަފުރަތާ ރުޅިވެރިކަމުގެ އޮއެގައި ޖެހި ފުން އަނދަވަޅަކަށް އަދުގެ މުޖުތަމައު ވެއްޓެމުންދާކަމަށެވެ.

ޑިޒްނީގެ ސީއީއޯ މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވަނީ 2020 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށްވެސް އިޝާރާތް ކުރަމުންނެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލަމުންޑާއިރު، ހުރިހާ ކެންޑިޑޭޓުންވެސް ނަފުރަތު އުފައްދަނިވި ހުރިހާ ކަމަކުން ދުރުވުމަށް އައިގާ ވަނީ ގޮވާލާފައެވެ.

ސިޔާސީ ޕޮލިސީތައް ބަޔާންކޮށް ޕްރޮމޯޓް ކުރުމުގައި އިތުރު މީހަކަށް ހަމަލާ ނުދީވެސް އެކަން ކުރެވިދާނެ ކަމަށް އައިގާ ވަނީ ވަކާލާތު ކޮށްފައެވެ. އަދި އުއްމީދު ކުރަނީ ހުރިހާ އެންމެންގެވެސް ބައިވެރިވުން އެކުލެވޭ ތަސައްވުރަކަށް ކަމަށްވެސް ޑިޒްނީގެ ސީއީއޯ ވަނީ ބުނެފައެވެ.