އިސްރާއީލުގެ ޖައްވީ އުޅަނދު ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ، އޭގެ ބައިތައް ހަނދަށް ވެއްޓިއްޖެއެވެ.

ވެއްޓިފައިވަނީ ޕްރައިވެޓް ފަންޑިންގްގެ ދަށުން އިސްރާއީލުން ހަނދަށް ދިއުމަށް ރޭވި ފުރަތަމަ މިޝަންގެ ޖައްވީ އުޅަނދެވެ.

ހަނދުގެ ސަތަހަށް އުޅަނދު ތިރިކުރަން އުޅުމުގެ ތެރޭގައި ބީރެޝީތު ނަމަކަށް ކިއާ އުޅަނދު އެކްސިޑެންޓްވީ އޭގެ މައި އިންޖީނަކަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ޚަބަރު ލިބެއެވެ.

އިސްރާއީލުގެ އަމާޒަކީ ހަނދަށް ގޮސް ސާމްޕަލް ނަގައިގެން ޖައްވީ ހޯދުންތައް ހޯދާ، ޖައްވީ އުޅަނދެއް ހަނދަށް ފޮނުވި 4 ވަނަ ގައުމުގެ ޝަރަފު ހޯދުމެވެ.

މިހާތަނަށް ކާމިޔާބު ކަމާއެކު ހަނދުގެ ސަތަހާގައި ޖައްސާފައިވަނީ ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިޔާ)، އެމެރިކާ އަދި ޗައިނާގެ މިޝަންތަކުންނެވެ. މި މިޝަންތަކަކީ އެ ގައުމުތަކުގެ ސަރުކާރުން ހިންގާ ޖައްވީ އިދާރާތަކުން ހިންގާ މިޝަންތަކެކެވެ.

އިސްރާއީލުން ހަނދަށް ދިއުމަށް ކުރިއަށް ގެންދިޔަ މިޝަންއަށް އެންމެ ބޮޑު އެއްބާރުލުމެއް ދިން މޮރީސް ހާން ބުނީ ދެވުނު ހިސާބަށް ދެވުނު ކަމީވެސް ކާމިޔާބީއެއް ކަމަށެވެ.

ކޮންޓްރޯލް ރޫމްގައި އިންނަވައިގެން މަންޒަރުތައް ވަގުތުން ބައްލަވަމުން ގެންދެވި ބެންޖަމީން ނަތަންޔާހޫވަނީ އެއްފަހަރުން ކާމިޔާބު ނުވެއްޖެނަމަ އަލުން އެކަމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ޖައްވީ އުޅަނދު ހަނދާ ހިސާބަށް ދަތުރުކުރީ 7 ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ.

މިމަޝްރޫއަށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ވަނީ ޚަރަދުވެފައެވެ.