ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން އޭޕްރިލް 11 ވަނަ ދުވަހު ފަށާފައިވާއިރު، މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރެއިން އެކަކީ އުމުރުން މިހާރު 102 އަހަރު ފުރިފައިވާ ޝިޔާމު ސަރަން ނެގީއެވެ. ޝިޔާމަކީ އިންޑިއާގެ އިންތިހާބީ ތާރީހު ދުށް އާދަޔާ ހިލާފު ފަރުދެކެވެ.

ޝިޔާމްއަކީ ރިޓާޔާކޮށްފައި ހުރި ސްކޫލް ޓީޗަރެކެވެ. އޭނާ ނިސްބަތްވަނީ އިންޑިއާގެ ހިމާޝަލް ޕްރަދޭޝްގެ ސްޓޭޓަށެވެ. 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ ތާވަލު ބުނާ ގޮތުގައި، މި ސަރަހައްދުގެ ވޯޓުލުން ކުރިއަށްދާނީ މެއި 19 ވަނަ ދުވަހުއެވެ. އެއީ ވޯޓުލުމުގެ އެންމެ ފަހު ދުވަހެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ އެތައް މިލިއަން ބައެއްގެ ތެރެއިން ޝިޔާމު ހާއްސަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޝިޔާމަކީ ގައުމަށް ލިބުނު މިނިވަންކަމަށް ފަހު، 1951 ވަނަ އަހަރު އިންޑިއާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ އިންތިހާބުން ފެށިގެން އަދާ ޖެހެންދެން ހުރިހާ އިންތިހާބެއްގައި ބައިވެރިވެ، ވޯޓުދިނުމުގެ ފަރުދީ ޒިންމާ އަދާކޮށް ރައްޔިތުންގެ އަޑު އިއްވާފައިވާ ދަރިއެކެވެ. މިއީ ހަށީގައި ވަރާ ކަށީގައި ޖޯޝު ހުރި ޒުވާން ލޭގެ ވެރިންނަށްވެސް ހޯދަން ފަސޭހަ ޝަރަފެއް ނޫންތާއެވެ.

ޝިޔާމް ގަބޫލުކުރާ ގޮތުގައި އިންތިހާބެއްގައި ވޯޓުދޭންވާނީ، ރަނގަޅު، އިހުލާސްތެރި، ތެދުވެރިއަކަށެވެ. ގައުމަށް ހެޔޮ އެދޭނެ ކެނޑިޑޭޓަކަށެވެ.

ޝިޔާމް ދިރިއުޅެމުންދަނީ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ހިމާލަޔާސް ބޯޑަރު ސަރަހައްދުގައި އޮންނަ ފުން ވާދީއެއް ކަމަށްވާ ކަލްޕާ ސަރަހައްދުގައެވެ. ޝިޔާމްއަކީ އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ މީހާގެ ރެކޯޑް އޮންނަ ފަރުދެވެ.

1951 ވަނަ އަހަރު އިންޑިއާގައި ކުރިއަށްގެންދިޔަ ފުރަތަމަ އިންތިހާބުން ފެށިގެން މިހާތަނާ ޖެހެންދެން ހުރިހާ އިންތިބާހެއްގައި ވޯޓުލާފައިވާ ޝިޔާމު ސަރަން ނެގީ/ފޮޓޯ: ޓުވިޓާ

އިންޑިއާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ޝިޔާމް މަސައްކަތްކުރީ އޮފިޝަލެއްގެ ގޮތުގައެވެ. ގައުމުގެ މިނިވަންކަން އެ ގައުމުގެ ރައްޔިތުންގެ އަތަށް ލިބިފައިވާއިރު، އެ މުއްސަނދިކަން ދެމެހެއްޓުމަކީ އެގައުމުގެ ފަރުދުންގެ ޒިންމާއެއް ކަމަށް ޝިޔާމް ގަބޫލުކުރެއެވެ.

1951 ވަނަ އަހަރު އިންޑިއާގައި ކުރިއަށްގެންދިޔަ ފުރަތަމަ އިންތިހާބުން ފެށިގެން މިހާތަނާ ޖެހެންދެން ހުރިހާ އިންތިބާހެއްގައި ވޯޓުލާފައިވާ ޝިޔާމު ސަރަން ނެގީ/ފޮޓޯ: ޓުވިޓާ

ކޮންމެ ވޯޓަކީވެސް މުހިންމު ވޯޓެއްކަން ޒުވާން ފަރުދުންނަށް ޝިޔާމް ހަނދާން ކޮށްދެއެވެ. ޒުވާނުންގެ ވޯޓަކީ މުހިންމު ވޯޓެއް ކަމަށް ޝިޔާމް ބުނެއެވެ. އެހެނީ، ގައުމުގެ ލަގަން ދޫކޮށްލާނެ މީހަކު ހިޔާރު ކުރެވެން އޮތް ގަތަކީ ވޯޓު ކަމުގައި ވާތީ ކަމަށް ޝިޔާމު ގަބޫލުކުރެއެވެ. ގައުމެއް ކުރިއަރާދާނެ ހަމައެކަނި ގޮތަކީވެސް އެއީ ކަމުގައި ޝިޔާމު ދެކެއެވެ.