ފުރަތަމަ ފަހަރަށް ބްލެކް ހޯލްއެއްގެ ފޮޓޯ އާންމުކޮށްފިއެވެ.

މި ބްލެކް ހޯލް އުފެދިފައި އޮތީ ދުނިޔެއާއި މާ ދުރުގައި އޮތް ގެލެކްސީއެއްގައެވެ. މި ބްލެކް ހޯލްގެ ބޮޑުމިނުގައި ހުރަހަށް 40 ބިލިއަން ކިލޯމީޓަރު ހުންނައިރު، މި ބްލެކް ހޯލްއަކީ ސައިޒުގެ ގޮތުން ބަލާއިރު ދުނިޔެއަށްވުރެ 3 މިލިއަން ގުނަ ބޮޑު ބްލެކް ހޯލްއެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔެއާއި 500 މިލިއަން ޓްރިލިއަން ކިލޯމީޓަރު ދުރުން ފެނުނު މި ބްލެކް ހޯލްގެ ފޮޓޯ ނަގާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ނެޓްވާކެއް ކަމަށްވާ އިވެންޓް ހޮރައިޒަން ޓެލެސްކޯޕްއާއި ގުޅިފައިވާ 8 ޓެލެސްކޯޕެއް ބޭނުންކޮށްގެންނެވެ.

އެމް އެއިޓީ ސެވަން ނަމަކަށް ކިއާ ގެލެކްސީއިން ފެނުނު ބްލެކް ހޯލްއާއި ބެހޭ ދިރާސާ އާންމުކޮށްފައިވަނީ އެސްޓްރޯފިޒިކަލް ޖާނަލް ލެޓާޒްގައެވެ. މި ދިރާސާގެ ބާނީކަމަށްވާ ނެދަލަންޑްސްގެ ރަޑްބައުޑް ޔުނިވާސިޓީގެ ޕްރޮފެސާ އައިނީ ފާލްކަ ވިދާޅުވާ ގޮތުގައި މި ބްލެކް ހޯލްއަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމަށްވުރެވެސް ބޮޑު ބްލެކް ހޯލްއެއް ކަމަށެވެ.

ބްލެކް ހޯލްއަކީ ކޮބާ؟

ހިސާބު އިލްމުވެރިޔާ އަދި ކޮމްޕިއުޓާ ސައިންޓިސްޓް ޕްރޮފެސާ ހަސަން އުގައިލް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާ ޕޯސްޓެއްގައި ބްލެކް ހޯލް ސިފަކޮށްދެއްވަމުން ވިދާޅުވީ ބްލެކް ހޯލްއަކީ ބިންމަތީގައި އަޅާފައި އޮންނަ ކާޕެޓް ސާފު ކުރަން ބޭނުންކުރާ ވެކިއުމް ކްލީނަރެއް ފަދައިން ދަމާބާރު އެކުލެވިގެންވާ، އަދި އޭގެ ދަމާބާރުތަކުގެ ކިބައިން އެންމެ ކުދި ކުނޑިތަކަށްވެސް ސަލާމަތް ނުވެވޭ ފަދަ ބާރެއް އެކުލެވިފައިވާ އެއްޗެއް ކަމަށެވެ. ހަމަމިއާއެކު ބްލެކް ހޯލްގެ ކައިރިން ދަތުރުކުރަމުންދާ ތަކެއްޗަށްވެސް އޭގެ "ވަކިތަކުން" ސަލާމަތް ނުވެވޭނެ ކަމަށްވިދާޅުވެފައެވެ.

ބްލެކްހޯލް އުފެދިގެން އަންނަނީ މާސިންގާ ތަރިތައް ޒައްރެއްގެ މިންވަރަށް ކުޑަވެގެން ގޮސް އޭގައިވާ ދަމާބާރު ގަދަވެގެންނެވެ. އެއްޗެއް ފިއްތާ ކުޑަކޮށްލުމުން އޭގައިވާ ދަމާބާރު ނުވަތަ ގްރެވިޓީ އިތުރުވެގެންދާނެއެވެ. މިފަދަ ގޮތަކަށް ކުޑަވެފައިވާ ތަރިތަކުން އުފެދިފައިވާ ބްލެކް ހޯލްގެ ކައިރިން ދަތުރުކުރާ ކޮންމެ އެއްޗެއްވެސް އޭގެ ތެރެއަށް ދަމައިގަނެއެވެ. އެއީ ދުވާލުގެ އަލިކަން ކަމުގައި ވީނަމަވެސް އެކަން އޮތީ އެހެންކަމަށް ޕްރެފެސާ އުގައިލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.