އެއީ މީގެ ދެތިން އަހަރެއް ކުރިއެވެ. ދުނިޔޭގައި ހުރި އެންމެ "ފަލަ ކުއްޖާ"ގެ ގޮތުގައި، އިންޑޮނޭޝިއާގެ ހުޅަނގު ޖާވާއަށް ނިސްބަތްވާ އާރްޔާ ޕަރްމަނާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވާލިއެވެ. އޭރު އޭނާގެ އުމުރުން 10 އަހަރެވެ. ނަމަވެސް، ބަރުދަނުގައި 192 ކިލޯގްރާމް ހުއްޓެވެ. އަނެއްކާވެސް އާރްޔާ މިވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. މިފަހަރުވެސް އޭނާގެ ބަރުދަނުގެ ވާހަކައަކުންނެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ. ހިތްވަރާ އަޒުމު އާކޮށްދެނިވި ވާހަކައަކުންނެވެ.

މިހާރު އުމުރުން 13 އަހަރު ފުރިފައިވާ އާރްޔާގެ ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 86 ކިލޯގްރާމްއެވެ. އެންމެ ފިޓް މީހާވެސް އާޝޯހް ކުރުވައިފި ނޫންތޯއެވެ. ޚުދު އާރްޔާވެސް ހުރީ އޭނާގެ މި އާދަޔާ ހިލާފު ދަތުރުގެ ނަތީޖާއާއި މެދު ހިތްހަމަޖެހި، އުފަލުންނެވެ. ރަހުމަތްތެރިންނާއެކު ބޭރަށް ނިކުމެ، އެހެން ކުދިން ފަދައިން އުޅެ، ކުޅެލެވޭތީއެވެ.

ދުނިޔޭގައި ހުރި އެންމެ "ފަލަ ކުއްޖާ"ގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑޮނޭޝިއާގެ އާރްޔާ ޕަރްމަނާ ކުރިން ހުންނަ ގޮތް/ފޮޓޯ: އެންޓީ ނިއުސް

"ކުރިން ބޭރަކަށް ނުނިކުންނަން. އެއްވެސް ކަމެއް ނުކުރެވޭ. ކުރިން ފުޓުބޯޅައެއް ނުކުޅެވޭ، ބެޑްމިންޓަންވެސް ނުކުޅެވޭ. އެކަމަކު މިހާރު ކުޅެވޭ"، އާރްޔާ އޭނާގެ އެހާރާ މިހާރުގެ ދިރިއުޅުން އަޅާ ކިއަމުން ބުނެލިއެވެ.

އުމުރުން އެންމެ 10 އަހަރުގައި އާރްޔާގެ ބަރުދަން ހުރީ އެ އުމުރުގެ 6 ކުދިންގެ ގައިގައި ހުންނަ ބަރުދަނެވެ. އެ ބަރުހެލިކަމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހެނީ އާރްޔާގެ ކެއިންބުއިމުގެ އާދަތަކެވެ.

"އޭރު ދުވާލެއްގެ މައްޗަށް 6 ޕެކެޓް ނޫޑްލްސް ކާލަން. ތައްޔާރީ ބުއިންތައް ބޮން. ތެލުލި ކުކުޅުކަން" އާރްޔާ، އޭނާގެ ކުރީގެ ހަނދާންތައް އާ ކުރަމުން ކިއާދިނެވެ.

ދުނިޔޭގައި ހުރި އެންމެ "ފަލަ ކުއްޖާ"ގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑޮނޭޝިއާގެ އާރްޔާ ޕަރްމަނާ ކުރިން ހުންނަ ގޮތް/ފޮޓޯ: ރީޓާގަރު

ނަތީޖާއަކަށްވީ އިސާހިތަކު ލޮޑުވާން ފެށުމެވެ. 5 މީޓަރަށްވެސް ހިނގާނުލެވޭހާ ބަރުވިއެވެ. ނޭވާ ހުސްވާ ގޮތްވިއެވެ. ސްކޫލަށް ދިއުން ހުއްޓި، އެއްޗެއް އުނގެނެން ބޭނުންނަމަ ގޭގައި ކިޔަވަން މަޖުބޫރުވިއެވެ. ފާހާނާއަކަށް ވަދެ ފެންވަރާ އުޅެވޭ ވަރަށްވުރެވެސް އާރްޔާ ފަލަވެގެންދިޔައެވެ. ގައިން ތާހިރުވެ، "ފެންވަރަން" މަޖުބޫރުވީ ގެއިން ބޭރުގައި އޮތް އަނގަމަތީ ފެންގަނޑަށް އެރި އިނދެގެންނެވެ.

ދަރިފުޅު ލުއިކުރަން ވެއްޖެ ކަމުގެ އިހުސާސް އާރްޔާގެ މައިންބަފައިންނަށް ކުރެވެން ފެށީ މިހާ ހިސާބުންނެވެ. ދުޅެހެޔޮ ކާނާއާއި ހަރަކާތްތަކަށް ދަރިފުޅު ހާނުވަން މަސައްކަތް ފެށިއެވެ. ނަމަވެސް އާރްޔާ ދިޔައީ ހަމަ ފަލަވަމުންނެވެ. ބަރުވަމުންނެވެ.

ދުނިޔޭގައި ހުރި އެންމެ "ފަލަ ކުއްޖާ"ގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑޮނޭޝިއާގެ އާރްޔާ ޕަރްމަނާގެ އެހާރާ (ވ) މިހާރު/ފޮޓޯ: ބާކްރޯފްޓް ޓީވީ

އާރްޔާގެ ބައްޕަ އާދީ ސޮމާންތްރީ ބުނާ ގޮތުގައި އާދަޔާ ހިލާފަށް ދަރިފުޅު ފަލަވެގެން ދިއުމުގެ ނަގަންޖެހޭ މީހަކީ އެއީއެވެ. އާރްޔާގެ އުމުރުން 5 އަހަރު ފުރުނުއިރު އޭނާ އާދަޔާ ހިލާފަށް ފަލަވާން ފަށައިފިއެވެ. އެކަމަކު އާރްޔާ ބޭނުންވިހާ ފޮނިކާއެއްޗަކާ ބުއިންތައް އެ ދަރިފުޅަށް ހޯދާދެމުންދިޔައީ ބައްޕަ ކަމަށް އޭނާ އެއްބަސްވެއެވެ.

ޑަޔަޓަކަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭ ވަރަށްވުރެ އާރްޔާ ފަލަވެއްޖެއެވެ. އާއިލާއަށް މަޖުބޫރުވީ ކިތަންމެ ނުރައްކާ ބޮޑުވި ނަމަވެސް ގޭސްޓްރިކް ބައިޕާސް ސާޖަރީއެއް ހަދާށެވެ. އާރްޔާގެ އޮޕަރޭޝަން ކުރެވުނީ ޖަކާޓާގެ އޮމްނީ ހޮސްޕިޓަލްގައެވެ. އޭނާއަކީ 5 ގަޑިއިރަށް ދެމިގެންދިޔަ މިއޮޕަރޭޝަން ކުރެވުނު އެންމެ ހަގު ޕޭޝަންޓުވެސްމެއެވެ.

އޮޕަރޭޝަނަށް މަހެއް ވީއިރު އެނގުންވާ ފަށައިފިއެވެ. ނަމަވެސް އާރްޔާއަށް އުފުއްލަންޖެހުނު ތަކުލީފުތައް ކުޑައެއް ނުވިއެވެ. ގިނައިން ކާން ބޭނުންވެއެވެ. އެކަމަކު ގިނައިން ކައިފިނަމަ އެ އެއްޗެއް އަންނަނީ ހޮޑަށެވެ. ސާޖަރީއަށްފަހު، އެއްފަހަރާ އެންމެ ހަތް ސަމުސާ ކާލުމުންވެސް އާރްޔާގެ ބަނޑު ފުރޭ ގޮތްވެއެވެ. އެކަމަކު ނުފުރެނީ އޭނާގެ ހިތެވެ. އާރްޔާ ރުޅިގަދަވާން ފެށިއެވެ. މި ގޮތުގައި ދުވަސްތައް ގުނަމުން ދިޔައިރު، އާރްޔާގެ ހަށިގަނޑު ދިޔައީ ލުއިވަމުންނެވެ.

އާރްޔާގެ މެނޫ މުޅިން ބަދަލުވިއެވެ. ފިހުނު މަހާ، މޭވާއާއި ތަރުކާރީގެ އިތުރުން އެކިކަހަލަ ސޫޕްތަކަށް ބަދަލުވިއެވެ. މިއަދު އާރްޔާ ސްކޫލަށްވެސް ދަނީ 1 ކިލޯމީޓަރުގެ ދިގު ރާސްތާއަކަށް ފައިމަގުގައި ހިނގާފައެވެ. ކުރިން އޭނާ ފެންވަރަން ބޭނުންކުރި ފެންގަނޑު ނުވަތަ ވެވަކީ، މިހާރު ގަސް އިނދާ ނަލަކޮށްފައިވާ ޕޮންޑެކޭވެސް ބުނެވިދާނެއެވެ. ސްކޫލަށްފަހު ކުޅެ ނިމިގެން އާރްޔާ މިހާރު ދަނީ ކޯރަށެވެ. އެއީ ފަތާށެވެ.

އާރްޔާގެ ބައްޕަ ސިފަކުރާ ގޮތުގައި މިހާރު އޭނާގެ ދަރިފުޅުގެ މިޒާޖުވެސް ބަދަލުވެއްޖެއެވެ. ދަރިފުޅުގެ މޫނުމަތިން އުޖާލާކަމާ އުފާވެރިކަން ފެނެއެވެ. ރަހުމަތްތެރިންނާއެކު ވޮލީއާއި ފުޓުބޯޅަވެސް ކުޅެ އުޅޭކަމަށް އާރްޔާގެ ބައްޕަ ކިއާދިނެވެ. ބައެއް ދުވަސްދުވަހު، ރަހުމަތްތެރިންނާއެކު ހެނދުނު ދުވަންދާކަމަށްވެސް އޭނާ ކިއާދިނެވެ.

ދުނިޔޭގައި ހުރި އެންމެ "ފަލަ ކުއްޖާ"ގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑޮނޭޝިއާގެ އާރްޔާ ޕަރްމަނާ އުއްމީދުކޮށްގެން ހުރީ ހަންގަނޑު ކަފާ ސާޖަރީ ހަދަން/ފޮޓޯ: ކެލްޓީމް ޓްރިބިއުޓް ނިއުސް

އާރްޔާގެ ބައްޕަ ބުނާ ގޮތުގައި މިއަދު އާރްޔާއަކީ ނަފުސާނީ ގޮތުންވެސް ސާބިތު ދަރިއެކެވެ. ރަހުމަތްތެރިންނާއެކު ކުޅެންދާން ބޭނުންނަމަ، ޖެހިލުމެއް ނެތި އެކަންވެސް އޭނާ ކުރާކަމަށް އާރްޔާގެ ބައްޕަ ބުންޏެވެ.

ކަންމިހެންއޮތްއިރު، އާރްޔާއަށް މިވަނީ އިތުރު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފައެވެ. ހަށިގަނޑުން ސަރުބީއާއި މަސްތައް ވިރެމުންދިޔަ ވަރަކަށް އޭނާގެ ގައިގެ ހަނގަނޑު ދަނީ އެލެމުންނެވެ. އަތާ މޭމަތީގެ މަސްތައް ވިރެމުންދިޔަ ވަރަކަށް މި ސަރަހައްދުތަކުގެ ހަންގަނޑު ވަނީ ވަކީން ބޮޑަށް އެލޭ ގޮތްވެފައެވެ. އާރްޔާ ހުރީ، މިއަހަރުގެ އިމްތިހާނުތައް ނިންމާލުމަށްފަހު މިކަން ރަނގަޅު ކުރުމަށް ސާޖަރީއެއް ހަދަން ތައްޔާރަށެވެ.

މި އާދަޔާ ހިލާފު ދަތުރަށްފަހު އާރްޔާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ، މޮޅު ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ނަން ވިދާލާނެ ދުވަހެކެވެ.