ދަރިމައިވާ އުމުރުގެ އަންހެނުންނަށް ކޮންމެ މަހަކު އެއްފަހަރުހެން ކުރިމަތިލާންޖެހޭ ޕީރިއަޑް (ޙައިޟު)ގެ ދުވަސްތަކުގެ ތެރެއިން 1 ދުވަސް، މުރާސައާއިއެކު ޗުއްޓީ ދިނުމަށް މިސްރުގެ ކުންފުންޏަކުން ނިންމައިފިއެވެ.

މިއީ މިސްރުގައި މިފަދަ ކަމެއް ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ގިނަ ބަޔަކު ވަނީ މި ނިންމުމަށް މަރުހަބާ ކިއާ، ސަރުކާރުތަކުންވެސް މިފަދަ ސިޔާސަތެއް ތައާރަފުކުރުމަށް ގޮވާލާފައެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ގާއިމުކޮށްފައިވާ ޑިޖިޓަލް މާކެޓިންގް އޭޖެންސީއެއް ކަމަށްވާ ޝާކް އެންޑް ޝްރިމްޕްއިންވަނީ، އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ޙައިޟުގެ ދުވަސްވަރު ކޮންމެ މަހަކުވެސް ބޭނުން 1 ދުވަސް ޗުއްޓީގެ ގޮތުގައި ނެގޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީ އޮފް ދުވަހުގެ އިތުރުން މުސާރަވެސް ނުކެނޑޭ ގޮތަށް ދެވޭ ޗުއްޓީއަކަށްވީ ނަމަވެސް، ޑޮކްޓަރުގެ އެއްވެސް ލިޔެކިއުމެއް ހުށަހަޅާކަށްވެސް ނުޖެހެއެވެ.

ކުންފުނީގެ އެޗް.އާރް މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރާނިޔާ ޔޫސުފް ބުނީ، ކުންފުނީގެ މުވައްޒަފުންނަށް %100 އިތުބާރު ކުރާ ކަމަށާ، މިކަމުގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް ގަބޫލުކުރާކަމަށެވެ.

ޕީރިއަޑް ދުވަސްވަރު 1 ދުވަހުގެ ޗުއްޓީއެއް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުން އެ ޗުއްޓީއަށް އެދުމަށް ބައެއް މުވައްޒަފުން ލަދުން، ފަސްޖެހުނެވެ. ނަމަވެސް އެމީހަކު އެ ނަގާ ޗުއްޓީއަކީ "ޕީރިއަޑް ލީވް"ކަން އެޗް.އާރްއިން ސިއްރެއްގެ ގޮތުގައި ބާއްވަދޭނެކަން ކަށަވަރުކޮށްދިނުމާއެކު، ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު ދަނީ ކޮންމެ މަހަކުވެސް އެ ޗުއްޓީގެ ބޭނުން ހިފަމުންކަން ޝާކް އެންޑް ޝްރިމްޕް ކުންފުނިން ފާހަގަކުރެއެވެ.

ޕީރިއަޑް ދުވަސްވަރު ކުރިމަތިވާ އެކި ކަހަލަ ތަކުލީފުތަކާ ގުޅިގެން އޮފީހަށް ސަލާމް ބުނާ ބުނުން، މި ރާއްޖޭގައިވެސް މަދެކޭ ނުދެންނެވޭނެއެވެ. ކޮންމެ މަހަކު އެއް ފަހަރުހެން ކުރިމަތިލާންޖެހޭ ޕީރިއަޑް ދުވަސްވަރުގެ ފުރަތަމަ ދުވަސްވަރަކީ ޒުވާން އުމުރުގެ ބައެއް ކުދިންނަށް ވޭންތަކެއް ކުރިމަތިކުރާ ދުވަސްތަކަށްވާއިރު، އަމިއްލަ ހާލައިގެން ކޮޅަށްވެސް ނުތެދުވޭ ކުދިން އުޅެއެވެ. މިފަދަ ހާލެއްގައި އޮފީހަކަށް ގޮސް ކުރެވޭނެ މާ ބޮޑު މަސައްކަތެއްވެސް ނެތުމާއިއެކު، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް، އަންހެނުން ބާރުވެރިކުރުވަން މި ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ކަމަކަށް އަތުގުޅާލުން ބުއްދިވެރި ނޫންބަވައެވެ!