ޒަމާނާއެކު އައިސްފައިވާ ޓެކްނޮލޮޖީގެ ތެރެއިން ފާހަގަކޮށްލެވޭ ޑިޖިޓަލް އެސިސްޓިންގް ސްމާޓް ސްޕީކާ "އެކޯ" ގެ ކަސްޓަމަރުންނާ "އެލެކްސާ"އާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމަށް އެމޭޒަން ކުންފުނީގެ އެތައް ހާސް މުވައްޒަފުންނެއް ތިބޭކަން ހާމަވެއްޖެއެވެ.

އެމޭޒަން ކުންފުނިން މިކަން ކުރަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ނަމުގައެވެ. އެގޮތުން، އެލެކްސާގެ ކަސްޓަމަރުން އެލެކްސާއާ ކުރިމަތިކުރާ ސުވާލުތައް އަޑުއަހާ، އެއަށް އެލެކްސާ ދޭ ޖަވާބުތައް ޓްރާންސްކްރައިބް ނުވަތަ ލިޔުމުން ނަކަލު ކުރުމަށްފަހު ވަކި ސިސްޓަމަކަށް ފީޑުކުރެއެވެ. އެމޭޒަން އިން ބުނާ ގޮތުގައި، އެކުންފުނިން މިކަން ކުރަނީ، މީހުން ދައްކާ ވާހަކަ އެލެކްސާއަށް ފަހުމު ކޮށްދިނުމަށް ސޮފްޓްވެއާއަށް ގެންނަންޖެހޭ ކުރިއެރުންތަކާ ބަދަލުތައް ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.

މިކަން ހާމަކޮށްފައިވަނީ އެމޭޒަން ކުންފުނީގެ ހާއްސަ ޔުނިޓެއްގައި މަސައްކަތްކުރި މުވައްޒަފުންތަކެކެވެ. އެ މުވައްޒަފުން ކިއާދީފައިވާ ގޮތުގައި އެމޭޒަން ކުންފުނީގެ އައުޓްޕޯސްޓްތަކުން ހާއްސަ މުވައްޒަފުންތަކެއް ހޮވައެވެ. އަދި ކުރާ މަސައްކަތް ހާމަނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުވައެވެ. މި މުވައްޒަފުންނަކީ ދުވާލަކު 9 ގަޑިއިރު މަސައްކަތް ކުރާ މީހުން ކަމަށާ، ކޮންމެ ޝިފްޓެއްގައި 1000 އޯޑިއޯ ކްލިޕުކޮޅު އަޑުހާ ހަދާ ކަމަށްވެއެވެ. މިގޮތަށް އަޑުއިވޭ ބައެއް ވާހަކަތަކުގައި ޖިނާއީ ކުށްކުރުމަށް ހިތްވަރުދޭ އަޑުތައްވެސް އިވިފައިވާކަމަށް އެމޭޒަންގައި މަސައްކަތްކުރި މުވައްޒަފުން ވަނީ އިއުތިރާފުވެފައެވެ.

އެމޭޒަން ކުންފުނިން ބުނީ "އެކޯ" މެދުވެރިކޮށް ހާއްސަ ފިތަކަށް އޮބާލުން ނޫނީ ކަނޑައެޅިފައިވާ ހާއްސަ ބަހެއް ބޭނުން ކުރުމުން މެނުވީ އެލެކްސާއާއި ދެކެވޭ ވާހަކަތައް ރެކޯޑް ނުކުރެވޭނެކަމަށެވެ.