މިއީ އުމުރުން 99 އަހަރު ވަންދެން ދިރިހުރި އެމެރިކާގެ އަންހެނެއްގެ ވާހަކައެވެ. އޭނާގެ ވާހަކަ އާދަޔާ ހިލާފު ވަނީ، އޭނާގެ އެތެރެ ހަށީގެ ގުނަވަންތައް އުފެދިފައިވާ ގޮތުންނެވެ. އޭނާގެ އެތެރެ ހަށީގެ ގުނަވަންތައް ހުރީ ހުންނަންޖެހޭ ފަރާތް ނޫން އަނެއް ފަރާތުގައެވެ. އެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހަމަ އެހެންމެ، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތަކެވެ.

ކުޑަވަރެއްގެ ވިޔަފާރިއެއް ކުރަމުން އައި ރޯޒް މޭރީ ބެންޓްލީ މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ ގުދުރަތީ މަރެކެވެ. ރޯޒްގެ ހަށިގަނޑު ހަދިޔާ ކުރީ ޕޯޓްލަންޑްގެ ޔުނިވާސިޓީއަކަށެވެ.

ރޯޒްގެ ހަށިގަނޑުގައި އާދަޔާ ހިލާފު ކަމެއް ހުރިކަން ފާހަގަވީ، ޔުނިވާސިޓީގެ އެނާޓޮމީ ކުލާހުގެ ދަރިވަރުންތަކެއް ދިރާސާއަކަށް ރީޒްގެ ހަށިގަނޑު ކަފާ، ފާޅާލި ހިސާބުންނެވެ. އެތެރެ ހަށީގެ ގިނަ ގުނަވަންތަކެއް ހުރީ ހުނަންޖެހޭ ފަރާތް ނޫން އަނެއް ފަރާތުގައެވެ.

އެންމެ ހައިރާންވާ ކަމަކީ، ދިރިހުރިއިރު ތަކުރާރުކޮށް އެކި ކަހަލަ އޮޕަރޭޝަންތައް ކުރިއިރުވެސް އެކަންފާހަގަކުރެވިފައި ނެތް ކަމެވެ.

އެފަދަ ގޮތަކަށް އެތެރެ ހަށީގެ ގުނަވަންތައް ހުރިއިރުވެސް، ޖުމުލަ ގޮތެއްގައި ދުޅަހެޔޮ އަދި ދިގުއުމުރެއް ރޯޒްއަށް ލިބުނީތީ ޑޮކްޓަރުންވެސް ތިބީ ހައިރާންވެފައެވެ.

ރޯޒްގެ އެތެރެހަށީގެ ގިނަ ގުނަވަންތަކެއް އާންމު އިންސާނެއްގެ ހަށިގަނޑުގައި އެ ގުނަވަންތައްހުންނަ ފަރާތް ނޫން އަނެއް ފަރާތުގައި ހުރި ނަމަވެސް، އޭނާގެ ހިތް އިނީ ރަނގަޅު ފަރާތަށްކަމަށްވެއެވެ.

ސިއްހީ ތަފާސް ހިސާބުތަކަށް ބަލާއިރު މިފަދަ ހާލަތެއް މެދުވެރިވަނީ އަލަށް އުފަންވާ ކުދިންގެ ތެރެއިން ކޮންމެ 22000 ކުއްޖަކުން 1 ކުއްޖަކަށެވެ. ނަމަވެސް މިފަދަ ގޮތަކަށް އުފަންވާ ކުދިންނަކީ ފުރާނައަށް ނުރައްކާ ގިނަ ބަލިތަކަކަށް ހުށަހެޅިގެންދާ ކުދިންނަށް އޮންނަނީ ވެފައެވެ. މިގޮތަށް އުފަންވާ ކުދިންގެ ތެރެއިން ހަރު އުމުރަށް އަޅަންދެން ދުނިޔޭގައި ހުރުމުގެ ފުރުސަތު އޮންނަނީ ގާތްގަނޑަކަށް ކޮންމެ 50 މިލިއަން ކުދިންގެ ތެރެއިން 1 ކުއްޖަކަށެވެ. އެގޮތުން ރޯޒްއަކީ މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ދިގު އުމުރެއް އުޅުނު މިފަދަ މީހާއެވެ. މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް އުޅުނު ކަމަށް ރެކޯޑްކުރެވިފައިވަނީ 70ގެ އަހަރުތަކުގައި ވަކިވެދިޔަ 2 މީހެކެވެ.