ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ތަކުގެ ތޭރަގައި ހިމެނޭ ފޭސްބުކް ބޭނުންކުރާ ފަރާތެއް މަރުވުމަށްފަހުގައިވެސް އެމީހެއްގެ އެކައުންޓާ ގުޅުންހުރި ނޯޓިފިކޭޝަންތައް "ފްރެންޑްސް"އަށްދާ މައްސަލަ ހައްލު ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީ ބޭނުންކުރުމުގެ މަސައްކަތް ފަށާ، ފޭސްބުކް ކުންފުނިން އެކަން އިއުލާންކޮށްފިއެވެ.
މަރުވެފައިވާ މީހުންނަށް އިވެންޓްތަކަށް ދައުވަތު ދިނުމަށް "ސަޖެސްޓް" ކުރުމާ، އެމީހުންނަށް "ބާތުޑޭ ވިޝްކުރުމަށް" ފޭސްބުކްއިން ފޮނުވާ އޮޓޯޖެނެރޭޓަޑް ނޯޓިފިކޭޝަންތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ ޝަކުވާ އުފުލަމުންނެވެ.
ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސާ ޝާލް ސޭންޑްބާގް ވިދާޅުވީ، ފޭސްބުކްއަކީ ވަކިވެ ގޮސްފައިވާ މީހުންގެ ހަނދާންތައް ދިރުވާ އާލާކުރެވިގެންދާ ޕްލެޓްފޯމެއްގެ ގޮތުގައި ދެމި އޮތުމުގެ އުއްމީދު އެބައޮތްކަމަށެވެ. އެގޮތުން ފޭސްބުކް ބޭނުންކުރަމުންދާ މީހަކު މަރުވުމުން އެމީހަކާ ހަނދާނުގައި ޖެނެރޭޓްކުރާ "ތައުޒިޔާ"ގެ ސޮފުހާ މިހާރު ފެންނާނީ ވަކިން ކަމަށާ، އެމީހެއްގެ ޓައިމްލައިން ފެންނަން ހުންނާނީ އެމީހަކު ބެހެއްޓި ގޮތަކަށް ކަމަށް ފޭސްބުކްއިން ބުނެއެވެ.
2009 ވަނަ އަހަރުން ފެށިގެން ފޭސްބުކްއިންދަނީ މީހަކު މަރުވުމުން، އެމީހެއްގެ ފޭސްބުކް އެކައުންޓުގެ ނަމުގެ ކުރިއަށް "ރިމެމްބަރިންގް" ނުވަތަ "ހަނދާނުގައި" އިތުރު ކުރުމުގެ ފުރުސަތު ދީފައެވެ. އަދި އޭނާގެ ފްރެންޑްސް ލިސްޓުގައި ތިބި މީހުންނަށް އޭނާގެ އެކައުންޓުގައި މެސެޖު ޕޯސްޓުކުރުމުގެ ފުރުސަތުވެސް އޮވެއެވެ. މިފަދަ އެކައުންޓްތަކުން އިތުރަށް ނޯޓިފިކޭޝަން ނުދިއަނަމަވެސް، "މެމޮރަލައިޒް" ނުކުރާ އެކައުންޓުތަކުން ނޯޓިފިކޭޝަންދާ މައްސަލަ ހައްލުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުން ކުރުމަށް ފޭސްބުކްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މަރުވެފައިވާ މީހުންގެ އެފްބީ އެކައުންޓްތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ތައުޒިޔާގެ ސޮފުހާ ވަކި ސޮފުހާއަކަށް ބަދަލުކުރާއިރު، މި ސޮފުހާ މޮޑަރޭޓް ކުރުމުގެ ފުރުސަތު ވަކި މީހަކަށް ދިނުމުގެ ފުރުސަތު ފޭސްބުކްގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް އޮންނާނެ ކަމަށް ފޭސްބުކްއިން ބުނެއެވެ. އަމާޒަކީ، މަރުވި މީހާގެ ޝަހްސު ދެމެހެއްޓުން ކަމަށްވެސް ފޭސްބުކްއިން ބުނެއެވެ.