ނިދަން އޮށޯތުމުގެ ކުރިން ގޭމް ކުޅެލާ، ފޯނާ ކުޅެލާ، ޓީވީ ބަލާލާ ހެދުމަކުން ފުރާވަރު އުމުރުގެ ކުދިންގެ ސިކުނޑިތަކަށް ނަފްސާނީ ގެއްލުމެއް ނުލިބޭ ކަމަށް އާ ދިރާސާއަކުން ބުނެފިއެވެ.

މި ރޮނގުން މީގެ ކުރިން ހަދާފައިވާ ދިރާސާތަކަށް ގޮންޖަހާލި މި ދިރާސާ އާންމުކޮށްފައި ވަނީ ސައިކޮލޮޖިކަލް ސައިންސް ޖާނަލްގައެވެ. އަދި މި ދިރާސާވެފައި ވަނީ ފުރާވަރު އުމުރުގެ ކުދިންގެ ސިކުނޑިތަކަށް ސްކްރީނުން ލިބޭ ނަފްސާނީ ގެއްލުމާ މެދު މީގެ ކުރިން ދެކެމުން އައި ގޮތަށް ބަދަލުތަކެއް ގެނުވަން މަޖުބޫރުކުރުވަނިވި ދިރާސައަކަށް ކަމުން، ބައެއް ފަރާތްތަކުން ވަނީ މި ދިރާސާއާ މެދު ސުވާލު ވެސް އުފައްދަން ފަށާފައެވެ.

ފުރާވަރު އުމުރުގެ 170000 ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތިޖާއަށް ބަލާއިރު، ނިދަން އޮށޯތުމުގެ ކުރިން ސްކްރީންތަކަކާއެކު ވަގުތު ހޭދަކުރަމުން އެކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މާ ބޮޑު ނޭދެވޭ ބަދަލެއް ނާދެއެވެ. ހަފުތާ ބަންދާ އެނޫން ދުވަސްތަކުގައިވެސް މިކަން އޮތީ މިހެނެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އެންޑްރޫ ރިބީލްސްކީ ބުނީ، ނިދުމުގެ ސީދާ ކުޑައިރު ކޮޅެއް ކުރިން ސްކްރީން ބޭނުންކުރި ކަމުގައި ވީ ނަމަވެސް ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަން އަންނަކަމަށް ފެނިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި، ސްކްރީން ޓައިމް ނުވަތަ ޑިޖިޓަލް އެންގޭޖްމަންޓްއާއި ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ގުޅުމެއް ނެތެވެ.