ދުނިޔޭގެ އެކި ހިސާބުތަކުގައި، ހުރިހާ އުމުރެއްގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނުވެރި ގޭމް "ޕެއިންޓް-ބައި-ނަމްބާޒް" ނުވަތަ "ނަންބަރު ބަލައިގެން ކުލަޖައްސާ"ގެ ބާނީ ޑޭން ރޮބިންސް މަރުވެއްޖެއެވެ.

އުމުރުން 93 އަހަރުގައި މި ދުނިޔެއާއި ވަކިވެދިޔަ ޑޭންއަކީ ބޮޑެތި މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް މިހާރުވެސް ހޯދަމުން އަންނަ މި ފަންނުގެ ކިޓެއް އެންމެ ފުރަތަމަ ތައާރަފުކުރި މީހާއެވެ.

މި ހިޔާލު ޑޭންއަށް ލިބުނީ ކުލަޔާ ގުޅުންހުރި ސާމާނު ވިއްކާ ތަނެއްގައި އޭނާ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރުގައި ކަމަށް ބުނެވެއެއެވެ. އެއީ 1940ގެ އަހަރުތަކެވެ.

މި ހިޔާލު ޑޭންއަށް ލިބުނީ މަޝްހޫރު ފަންނުވެރިޔާ ލިއަނާޑޯ ޑި ވިންޗީ، އޭނާގެ ދަރިވަރުންނަށް ކުރަހަން ދަސްކޮށްދިން އުކުޅު އަސްލަކަށް ބަލައިގެންނެވެ.

މިއީ ބޮޑު ކުރެހުމެއްގައި ކުދި ގޮޅިތަކެއް ނޫނީ އެ ނޫންވެސް އެފަދަ ބައްޓަމަކުން އިން ވަކިކޮށް، އެ ގޮޅިތަކަށް ހާއްސަ ނަމްބަރެއް ދީގެން، އެ ނަންބަރަށް ވަކި ކުލަތަކެއްކަނޑައަޅައިގެން އެ ކުލަތައް އެ ނަންބަރުގެ ގޮޅީގައި ޖައްސާގޮތަށް ފަރުމާކޮށްފައިވާ ފަންނުވެރި އީޖާދެކެވެ. މި ކޮންސެޕްޓް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މޯބައިލް އެޕްލިކޭޝަންތައްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކުދަނީ ބޭނުން ކުރަމުންނެވެ.