އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގައި ހިމާޔަތް ހޯދަމުންދާ ވިކިލީކްސް ބާނީ ޖޫލިއަން އަސާންޖު، ކުޑަ މުހުލަތެއްގެ ތެރޭގައި އެ އެމްބަސީއިން ބޭރުކުރުމަށް އިކުއެޑޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް، ކަމާ ބެހޭ އިސް މަސްދަރަކާ ހަވާލާދީ ވިކިލީކްސްގެ ޓުވިޓާ ހޭންޑްލްއިން ބުނެފިއެވެ.

މަދު ގަޑިއިރުކޮޅެއް ނޫނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ލަންޑަން ގައި ހުންނަ އިކުއެޑޯގެ އެމްބަސީއިން އަސާންޖު ބޭރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިކިލީކްސްގެ ހޭންޑްލްއިން ކޮށްފައިވާ ޓުވީޓްގައި ވަނީ ބުނެފައެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު އިކުއެޑޯ އެމްބަސީއިން އަސާންޖު ބޭރުކުރުމާއިއެކު އިނގިރޭސިވިލާތުން އޭނާ ހައްޔަރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް، ކަމާ ބެހޭ އިސް މަސްދަރަކާ ހަވާލާދީ ވިކިލީކްސްގެ ޓުވިޓާ ހޭންޑްލްއިން ކުރި ޓުވީޓްގައި ވަނީ ބުނެފައެވެ.

އިކުއެޑޯ އެމްބަސީއިން އަސާންޖު ބޭރުކުރަނީ އައި.އޭން.އޭ ޕޭޕާޒްގެ މައްސަލައާއި ގުޅިގެންނެވެ. އިކުއެޑޯގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އަތްޕުޅަށް ވިކީލީކްސްއިން ދޫކޮށްލި މި ކަރުދާސްތަކަކީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އިކުއެޑޯގެ ރައީސް ލެނިން މޮރީނޯއަށް ހާސްކަން ކުރިމަތިކުރެއްވި ކަރުދާސްތަކެކެވެ.

އިކުއެޑޯގެ އެމްބަސީއިން އަސާންޖު ބޭރުކުރާ ކަމުގެ ވާހަކަތަކެއް ވިކިލީކްސްއިން އާންމުކޮށްފައި މިވަނީ، އެމްބަސީގެ ހިމާޔަތުގައި އަސާންޖަށް ދެމި ހުރެވޭނެ ގަވައިދުތަކާ އޭނާ ހިލާފުވެފައިވާކަމުގެ ތުހުމަތުތަކެއް އިކުއެޑޯގެ ރައީސް ފެންމަތިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.