ވީޑިއޯ ހިއްސާކުރުމަށް ޗައިނާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ ސޯޝަލް މީޑިއާ އެޕްލިކެޝަނެއް ކަމަށްވާ "ޓިކް-ޓޮކް" މެދުވެރިކޮށް ޖިންސީ އަމަލު ހިންގަން ހިތްވަރުދޭ ގޮތަށް ކުޑަކުދިންނާ ފުރާވަރު އުމުރުގެ ކުދިންނަށް މެސެޖު ފޮނުވަމުންދާ މީހުންގެ އެކައުންޓްތައް ބަންދުކުރުމަށް "ޓިކް-ޓޮކް"ގެ ބެލެނިވެރި ކުންފުނިން ފެއިލްވެފައިވާކަން ހާމަވެއްޖެއެވެ.

އުމުރުން އެންމެ 9 އަހަރުގެ ކުދިންވެސް ޓިކް-ޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯ ޕޯސްޓްކުރަމުންދާއިރު، އެވީޑިއޯތަކަށްކޮށްވެސް ޖިންސީ ގޮތުން ހަޑިމުޑުދާރު އެތައްސަތޭކަ ކޮމެންޓްކޮށްފައިވާތީ ފެނެއެވެ.

މި ކޮމެންޓްތައް ޓިކް-ޓޮކް ކުންފުންޏަށް ރިޕޯޓުކުރުމުން ޑިލީޓްކުރަނީ ކޮމެންޓް އެކަންޏެވެ. އެ ފަދަ ކޮމެންޓްތައް ކުރާ ފަރާތްތަކުގެ އެކައުންޓްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް ކުޑަކުދިންނަށް އަމާޒުކޮށް މިފަދަ ކޮމެންޓްތައް ކުރުމަކީ ޓިކް-ޓޮކް ކުންފުނިން އެކުލަވާލާފައިވާ ގަވައިދާއިވެސް "ލިޔުމުގައި" ހިލާފު ކަމެކެވެ.

ޓިކް-ޓޮކް ކުންފުނިން ބުނީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަކީ މިއަދު އެކުންފުންޏަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ޖިންސީ ގޮތުން ފުރައްސާރަ ކުރާ މެސެޖުތަކާ، ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ގޮތަށް ކޮށްފައިވާ ކޮމެންޓްތަކުގެ އިތުރުން ކުޑަކުދިންނަށް ބިރުދައްކާ، ބްލެކްމެއިލް ކުރުމުގެ އަމަލުތައްވެސް ޓިކް-ޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ހިންގާކަން ވަނީ ހާމަވެފައެވެ.

ޓިކް-ޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ކުޑަކުއްޖަކު ކޮށްފައިވާ ޕޯސްޓަކަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ކޮމެންޓްތަކެއް/ފޮޓޯ: ޓިކްޓޮކް

ޓިކް-ޓޮކްއަކީ މި ރާއްޖޭގައިވެސް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ދައުރުވަމުންދާ ޓިކް-ޓޮކް ވީޑިއޯތަކަށް ބަލާއިރުވެސް ޖިންސީ ފުރައްސާރަކޮށް، ނަފުސާނީ ގޮތުން ގެއްލުންވާ ދަރަޖައަށް ބުލީ ކުރާ މަންޒަރު ފެނެއެވެ.

ޓިކް-ޓޮކްއަކީ އޮރިއާންކާޑަށް ހިތްވަރުދޭ އެޕްލިކޭޝަނެއް ކަމަށް ބުނެ އިންޑިއާއިން ދަނީ، މި އެޕްލިކޭޝަން މަނާ ކުރުމަށް ކޯޓު މެދުވެރިކޮށް މަސައްކަތްކުރަމުންނެވެ.