ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު އޮތް އެމޭޒަން ކުންފުނީގެ ވެރިޔާ ޖެފް ބޭޒޯސްއާއި އޭނާގެ އަންހެނުން މެކްކެންޒީގެ ކައިވެނި ރޫޅާލުމުގެ ސެޓްލްމަންޓް ފީގެ އަގަކީ 35 ބިލިއަން ޑޮލަރުގެ ރެކޯޑް އަގު ކަމަށް އެ ދެމަފިރިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޖެފް ބޭޒޯސްއާއި މެކްކެންޒީގެ ވަރި ސާބިތުވުމާއެކު، އެމޭޒަން ކުންފުނީގެ %4 ހިއްސާކުރާނީ މެކްކެންޒީއެވެ. އެމޭޒަން ވިޔަފާރިއަކީ އެ ދެމަފިރިން މީގެ 25 އަހަރުކުރިން ފެށި ވިޔަފާރިއެކެވެ.

އެމެރިކާގެ މަޝްހޫރު ނޫސް އިދަރާ ވޮޝިންގްޓަން ޕޯސްޓަކީވެސް ބޭޒޯސްގެ އޮނާޝިޕްގެ ދަށުން ހިންގާ ނޫސް އިދާރާއަކަށްވާއިރު، އެކަމުގައިވެސް ދެން މެކްކެންޒީގެ މަސްލަހަތެއް ނޯންނާނެ ކަމަށާ، ބޭޒޯސްގެ ޖައްވީ އުދުހުންތަކާ ބެހޭ ކުންފުނީ ބްލޫ އޮރިޖިންގައިވެސް މެކްކެންޒީގެ ހިއްސާއެއް ނޯންނާނެ ކަމަށް ޚަބަރު ލިބެއެވެ.

މީގެ ކުރިން އެންމެ އަގުބޮޑު ވަރިއެއް ކޮށްފައިވަނީ އާޓް ޑީލާ އެލެކް ވިލްޑެންސްޓީންއާއި އޭނާގެ އަންހެނުން ޖޯސެލީން ކުރި ވަރިއެވެ. އެ ވަރީގެ ސެޓްލްމަންޓް ފީގެ އަގެއްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 3.8 ބިލިއަން ޑޮލަރެވެ.

މެކްކެންޒީއާއި ބޭޒޯސްގެ ކައިވެންޏަށް 4 ދަރިން ލިބިފައިވާއިރު، މީޑިއާގައި ދައުރުވަމުންދާ ޚަބަރުތައް ބުނާ ގޮތުގައި، ބޭޒޯސް މިވަގުތު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފޮކްސް ޓީވީގެ ހޯސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ލޯރެން ސަންޗޭޒްއާއިއެވެ.