އެންމެ ގިނަ ފޮލޮވާޒްގެ ރެކޯޑް އޮތް އިންސްޓަގްރާމް އެކައުންޓްގެ ޝަރަފު، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި އަނބިކަނބަލުން ޑަޗަސް އޮފް ސަސެކްސް މޭގަން މާކެލްގެ ގުޅިފައިވާ އެކައުންޓް "ސަސެކްސް ރޯޔަލް"އިން ކަށަވަރުކޮށްފިއެވެ.

އަންގާރަ ދުވަހު އެކައުންޓް ލޯންޗުކުރި ފުރަތަމަ ގަޑިއިރުގެ ތެރޭގައި އެއް މިލިއަން ފޮލޮވާޒް ހޯދި މި އެކައުންޓަކީ އެންމެ ގިނަ މީހުން ފޮލޯކުރާ އިންސްޓަގްރާމް އެކައުންޓްކަން، ޖިނިސް ވާލްޑް ރެކޯޑްސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާރު "ސަސެކްސްރޯޔަލް" އެކައުންޓް ފޮލީކުރާ 2.7 މިލިއަނަށްވުރެ އެކައުންޓް އެބައޮތެވެ.

އެންމެ ހައިރާންވާކަމަކީ، މި އެކައުންޓުން އަދި ކޮށްފައިވަނީ އެންމެ ޕޯސްޓެއް ކަމެވެ. މި ފޮޓޯއަކީ ހެރީއާއި މޭގަންގެ ނަމުގެ މޮނޯގްރާމް ސިމްބަލްއަކަށް ވީ ނަމަވެސް، 960،000 އަށްވުރެ ގިނަ އެކައުންޓުން ވަނީ މި ޕޯސްޓަށް ލައިކު ދީފައެވެ.

ޕްރިންސް ހެރީއާއި ޑަޗަސް މޭގަންގެ އަލަތު ދަރިފުޅު އުފަންވުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު ދަނީ އެ ދެމަފިރިންގެ ދިރިއުޅުން ވަރަށް ގާތުން ބަލަމުންނެވެ.