ދުނިޔޭގެ ކަނޑުތަކުގެ ތިން ބައިކުޅަ ދެެ ބަޔަކީ 2030 ވަނަ އަހަރު އަންނައިރު ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ހަދާނެ ޗާޓެއް، މެރިން ބަޔޮލޮޖިސްޓުންތަކެއް އެކުލަވާލައިފިއެވެ.
ސައިންސްވެރިން ސިފަކުރާ ގޮތުގައި މިއީ ދިރުންތައް ހިމާޔަތް ކުރުމުގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ހާސިލުކުރަންޖެހޭ މުހިންމު އަމާޒެކެވެ.
"އަ ބްލޫޕްރިންޓް ފޮރ އޯޝަން ޕްރޮޓެކްޝަން"ގެ ނަމުގައި އާންމުކޮށްފައިވާ މި ދިރާސާ ހޯދުންތަކުގައި، ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 ޕަސެންޓާއި 50 ޕަސެންޓް މުޅިން ހިމާޔަތްކުރާނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ. މި ރިޕޯޓަކީ، މި ރޮނގުން މިހާތަނަށް އެކުލަވާލެވުނު އެންމެ ތަނަވަސް އެއް ދިރާސާއެވެ.
ޔުނިވާސިޓީ އޮފް ޔޯކް، ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ގްރީން ޕީސްގެ އިލްމުވެރިން ގުޅިގެން އެކުލަވާލާފައިވާ ދިރާސާ އާންމުކޮށްފައިވާ މި ދަނޑިވަޅަކީ ދުނިޔޭގެ ކަނޑުތަކާއި ބެހޭ މުއާހަދާއާއި ބެހޭ ގޮތުން އދގައި ހާއްސަ މަޝްވަރާތަކެއްވެސް ކުރިއަށްދާ ދަނޑިވަޅެކެވެ.
ދިރާސާ ޓީމުގައި މަސައްކަތްކުރެއްވި ޕްރޮފެސާ ކޭލަމް ރޮބާޓްސް ވިދާޅުވީ، ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި ގައުމުތަކުގެ ސަރުކާރުތަކުން ބޮޑެތި މަސައްކަތްތަކެއް މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށެވެ. ވަގުތު ފާއިތުވުމުގެ ކުރިން މި އަޒުމުގައި ސިޔާސީ ރޫހު ވަރުގަދަ ކުރަންޖެހޭ ކަމަށް ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސައިންސްވެރިން ދަނީ ބުނަމުންނެވެ.
ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއު.އެމް.އޯ) އިން ހުސްވި ހަފުތާގައި އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ ހަތަރު އަހަރު ދުވަހަކީ ތާރީހު ދުށް އެންމެ ހޫނުގަދަ އަހަރުތަކެވެ.
މޫސުމީ އާދަޔާ ހިލާފު ނޭދެވޭ ބަދަލުތަކުގެ އިތުރުން ދުނިޔޭގެ ކަނޑުތަކަށް ކުރިމަތިވެފައިވާ އިތުރު ނުރައްކާތަކުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑު އެކި ގޮތްގޮތުން ތަޣައްޔަރުވުމާ، އާދަޔާ ހިލާފު ގިނައިން އެކަށީގެން ނުވާ ގޮތެއްގައި މަސްވެރިކަން ކުރުން ފަދަ ކަންކަން ހިމެނެއެވެ.