ކެއިންބުއިމުގެ އާދަތައް ހުންނަ ގޮތުން އަހަރަކު 11 މިލިއަން މީހުން ޅަ އުމުރެއްގައި މި ދުނިޔެއާއި ވަކިވެގެންދާންޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދަ ލޭންސެޓްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ކެއިންބުއިމުގެ އާދަތައް ވެފައިވަނީ ސިނގިރޭޓަށްވުރެ ވެސް ބޮޑަށް ފުރާނައަށް ނުރައްކާ ކުރާ ކަމަކަށެވެ. މުޅި ދުނިޔެއަށް ބަލާއިރު ކޮންމެ ފަސް މީހަކުން އެކަކަކީ، ކެއިންބުއިމުގެ އާދަތައް ހުރި ގޮތުގެ ސަބަބުން މި ދުނިޔެއާއި ވަކިވެގެންދާންޖެހުނު މީހެއްކަންވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި މި ހޯދުންތަކަކީ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެގެން ދިއުން ނުވަތަ އޮބީސިޓީއަށް ބެލުމުގެ ބަދަލުގައި، ކާބޯތަކެތީގެ ކޮލިޓީއަށް ބަލައިގެން ކޮށްފައިވާ ދިރާސާއެކެވެ. ކާބޯތަކެތީގެ ކޮލިޓީއަކީ ކެންސަރު ބައްޔާ ހިތުގެ ބަލި ފަދަ، ފުރާނައަށް ނުރައްކާވާ ޒާތުގެ ބަލިބައްޔާ ގުޅިފައިވާ ކަމެކެވެ.
ގިނަ ބައެއްގެ އުމުރު ކުރު ކުރުމާ ގުޅިފައިވާ އެންމެ ބޮޑު ގާތިލުގެ ގޮތުގައި މި ދިރާސާގައި ފާހަގަކޮށްފައިވަނީ ލޮނެވެ.
ދަ ގްލޯބަލް ބާޑަން އޮފް ޑިޒީޒް ސްޓަޑިއަކީ މި ރޮނގުން ހެދިފައިވާ އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ ދިރާސާއެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި މީހުން މަރުވަމުންދާ ސަބަބު ދެނެގަންނަ ދިރާސާއެކެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ގައުމުތަކުގެ ކެއިންބުއިމުގެ އާދަކާދަ ހުންނަ ގޮތާ، އެ ގައުމެއްގެ މީހުންގެ އުމުރު ކުރުވަމުންދާ ގޮތެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު މާ ގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން 3 މިލިއަން މީހުން މަރުވިއިރު، މާ މަދުން ހޯލް ގްރެއިންސް ބޭނުން ކުރުމުގެ ސަބަބުންވެސް 3 މިލިއަން މީހުން މަރުވި ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. މީގެ އިތުރުން މާ މަދުން މޭވާ ބޭނުން ކުރުމުގެ ސަބަބުން 2 މިލިއަން މީހުން މަރުވި ކަމަށްވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އިތުރު ސަބަބުތަކުގެ ތެރޭގައި މާ މަދުން ނަޓްސްއާއި އެކިކަހަލަ އޮށް ބޭނުން ކުރުމާ، ތަރުކާރި މަދުން ބޭނުންކުރުމާ، ސީފުޑްއިން ލިބޭ އޮމޭގާ 3 މަދުވުމާ، ފައިބާ މަދުވުން ފަދަ ކަންކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ޑައެޓްގެ ސަބަބުން އަހަރެއްގެ މައްޗަށް ފުރާނަ ގެއްލިދާ 11 މިލިއަން މީހުންގެ ތެރެއިން 10 މިލިއަން މީހުންނަކީ ހިތުގެ ބަލިތަކުގައި މަރުވެދާ މީހުންނަށްވާއިރު، ލޮނުގައި ހުރި ނުރައްކާތެރިކަން މިކަމުން ސާބިތުކޮށްދެއެވެ. މާ ގިނައިން ލޮނު ބޭނުން ކުރުމަކީ ލޭގެ ޕްރެޝަރު މަތިކުރާ ކަމެކެވެ. ނަތީޖާއަކަށްވަނީ ހާޓްއެޓޭކާ ސްޓްރޯކްގެ ނުރައްކަލާ ކުރިމަތިލާންޖެހުމެވެ. ލޮނަކީ ސީދާ ގޮތުން ހިތާ ލޭނާރުތަކަށްވެސް އަސަރު ކުރުވާ އެއްޗެކެވެ. އެގޮތުން އެތެރެ ހަށީގެ ގުނަވަންތައް އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ބުރޫ އަރާ، ހާޓް-ފެއިލްވާ ގޮތްވެއެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު ހަށިގަނޑަށް އެންމެ ފައިދާ ކުރަނިވި ކާނާގެ ބާވަތްތަކުގެ ތެރެއިން ގިނަ ގައުމުތަކެއްގައި އަޅާނުލެވި ދޫކޮށްލެވިފައިވާ އެންމެ އާންމު ބާވަތަކީ ނަޓްސްއާއި އެކި ކަހަލަ އޮށެވެ.
ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން ކެއިންބުއިމުގެ އާދަކާދަ ހުންނަ ގޮތުން އެންމެ މަދުން މީހުން މަރުވެފައިވަނީ އިސްރާއީލުންނެވެ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ އުޒްބަކިސްތާނުންނެވެ. ޗައިނާވެސް އުޅެނީ މި ލިސްޓުގެ ވަރަށް ކުރީގައެވެ.