ހުމާ ތަދު ކެނޑުވުމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ އެސެޓަމިނޯފެން އަކީ، ހަކުރު ބަލި ހުންނަ މީހުން އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން ސްޓްރޯކް ޖެހުމަށް އޮންނަ ނުރައްކާ އިތުރު ކުރާ ބޭހަކަށް ވުމުގެ ފުރުސަތު އެބައޮތްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ބޭހަކީ ޑޮކްޓަރުގެ ސިޓީއަކާވެސް ނުލާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަމުން އަންނަ ބޭހެކެވެ.

މި ބޭސް މާ ގިނައިން ބޭނުންކޮށްފިނަމަ ލިވާ ހަލާކުވުމުގެ ނުރައްކާ އޮތް ނަމަވެސް، މިއީ އެތައް މިލިއަން ބަޔަކު ރައްކާތެރި ކަމާއެކު ބޭނުންކުރަމުން އަންނަ ބޭހެކެވެ. މީގެ ކުރިން ހަދާފައިވާ އެހެން ދިރާސާތަކަށް ބަލާއިރު، މި ބޭހާއެކު ބޭނުންކުރާ އެހެން ބައެއް ކަހަލަ ބޭސްތަކުގެ އިތުރުން ސިއްހީ އިތުރު މައްސަލަތަކަކަށްވެސް ފުރުސަތު ހުޅުވޭކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ބައެއް ކަހަލަ ބޭސްތަކާ ރިއެކްޓްވެ، ނޭވާ ހިއްލުން ފަދަ އުނދަގޫތަކާ ކުރިމަތިކުރުވާ ކަމަށްވެއެވެ.

ހާވަޑް ހެލްތުން ފާހަގަކުރާ ގޮތުގައި، އެސެޓަމިނޯފެންއަކީ ދޮށީ އުމުރުގެ މީހުންނަށް ތަދުކަނޑުވަންދޭ މުހިންމު ބޭހެކެވެ.

ދަ ޖާނަލް އޮފް ދި އެމިރިކަން ގެރިއޭޓްރިކްސް ސޮސައިޓީއިން އާންމުކޮށްފައިވާ ދިރާސާގައި މި ބޭހުގެ ސަބަބުން ނިކުމެދާނެ އިތުރު އަސަރުތަކަށް ވަނީ ބަލާފައެވެ. ދިރާސާގެ ހޯދުންތައް ދެއްކި ގޮތަށް ބަލާއިރު މި ބޭސް ބޭނުންކުރި ދޮށީ އުމުރުގެ މީހުންނަށް ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަކި އިތުރެއް ނުވެއެވެ. ނަމަވެސް، ހަކުރު ބަލި ހުންނަ މީހުން މި ބޭސް ބޭނުންކުރާނަމަ ސްޓްރޯކް ޖެހުމަށް އޮންނަ ނުރައްކާ އިތުރުވާކަމަށް ވަނީ ނަތީޖާއިން ދައްކާފައެވެ.

ދިރާސާގެ ނަތީޖާ މިފަދަ ގޮތަކަށް ދައްކާފައިވާއިރު، ބޭހަކީ ކިތަންމެ އާންމު އަދި ކިތަންމެ އާދައިގެ ބޭހެއް ކަމުގައި ވީނަމަވެސް، ސިއްހީ ތަޖުރިބާކާރަކާ ތިބާގެ ސިއްހީ ރެކޯޑްތައް ހިއްސާ ކުރުމަށްފަހު އެ ތަޖުރިބާކާރުގެ ލަފާގެ ދަށުން މެނުވީ ބޭސް ފަރުވާ ކުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ.

އެސެޓަމިނޯފެން ބޭސް އެންމެ އާންމުކޮށް ވިއްކަނީ ޓައިލެނޯލްގެ ބްރޭންޑްނޭމްގެ ދަށުންނެވެ.