މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި- އެޕަލް އިންކޯޕަރޭޝަންއިން 2020 ވަނަ އަހަރު ތައާރަފުކުރުމަށް ރާވާފައިވާ ބައެއް އުފެއްދުންތަކާ ބެހޭ މައުލޫމާތު ލީކުކޮށްލައިފިއެވެ.

2020 ވަނަ އަހަރު އެޕަލް އިން ތައާރަފުކުރާ އެންމެ އާދަޔާ ހިލާފު އުފެއްދުމެއްގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ޑިވައިސްއަކީ އާދަޔާ ހިލާފަށް ކުޑަ، ސްމާޓް ފޯނެކެވެ. ބެލެވޭ ގޮތުގައި މިއީ އައިފޯން އެސް.އީ މޮޑެލްގެ ފޭނުންނަށް ހެޔޮ ޚަބަރެކެވެ.

ލީކުކޮށްލާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އާ ފޯނުގެ ބޮޑުމިނުގައި ހުންނަނީ އެންމެ 5.42 އިންޗިއެވެ. މި ފޯނަކީވެސް ހޯމްބަޓްން ނުލާ ފަރުމާކޮށްފައިވާ ފޯނެކެވެ. އޯލެޑް ޑިސްޕްލޭއަކާއެކު ފަރުމާކޮށްފައިވާ މި ފޯނަކީ މުޅިން ބަޖެޓް ފޯނެކޭ ބުނެވެން ނެތް ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ބުނެއެވެ.

މިފަހަކަށް އައިސް އުފައްދަމުން އަންނަ އައިފޯންގެ އާ މޮޑެލްތަކުގެ ފަރުމާއާއިމެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެޕަލް ކުންފުނިން މިހާރު ތައްޔާރުވަމުންދަނީ މިހިނގާ 2019 ވަނަ އަހަރަށް ހާއްސަކުރެވިފައިވާ ބައެއް ޕްރޮޑަކްޓްތައް ތައާރަފުކުރުމަށެވެ.

އެޕަލް ކުންފުނިން 2020 ވަނަ އަހަރު ތައާރަފުކުރާ ފޯނުގެ ތަފްސީލުތައް އެކުންފުންޏާ ގުޅިފައިވާ އިސް ފަރާތަކުން ލީކުކޮށްލާފައިވާ، އެ އުފެއްދުންތަކުގެ ފަރުމާއަށް ބަދަލު ގެނައުމުގެ ފުރުސަތު އެޕަލްއަށް އަދި އެބައޮތެވެ.