އެއްޗެއްގެ މުހިންމުކަން އެނގޭނީ އެއެއްޗެއް ބީވެގެން ދިޔައިމައޭ ބުނާ ބުނުމުގެ ހަގީގީ ރަހަ އަރުތެރޭގައި ލަނީ މަދު ފަހަރަކުއޭ ބުނެވޭ ކަށް ނެތެވެ. ހަމަ ނިދި ނުލިބި ގިނަ ދުވަސްތަކެއް ވޭތުކުރަމުންދާ ގިނަ ބަޔަކު މިހާރުވެސް ހޭލާ ތިބިއިރު، އަރާމު ނިންޖެއްގެ ހުރި ފޮނި މީރުކަން އެންމެ ރަނގަޅަށް ވަޒަންކޮށްލަން ވެސް އެނގޭނީ ހަމަ މިފަދަ ބަޔަކަށެވެ. މިއީ އަރާމު ނިންޖަކަށް ކަރު ހިއްކައިގެންފައި ތިބި ކިތަންމެ ބައެއްގެ ފޮނި އުއްމީދުތަކެއް ހަގީގަތަކަށް ވުމުގެ ކޮޅުމައްޗެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން ވަނީ ނިދައިގެން އާމްދަނީ ލިބޭނެ ފުރުސަތެއް ހުޅުވާލާފައެވެ. މި ވަޒީފާއަށް ދާންޖެހެނީ ނިދާށެވެ. ނާސާއާއި ވިލާތުގެ ޖައްވީ އޭޖެންސީ ގުޅިގެން ހިންގާ މަޝްރޫއަށް ހޯދަނީ އުމުރުން 24 އަހަރާ 55 އަހަރާ ދެމެދުގެ 12 އަންހެނުންނާ 12 ފިރިހެނުންނެވެ.

މިމީހުން ދެމަސް ދުވަސް ވަންދެން އިތުރު ކަމެއް ނުކޮށް ނިދަންވީއެވެ. އެކަމަށް ހާއްސަކޮށްގެން ޖަހާފައިވާ އެނދުތަކެއްގައެވެ. މި އެނދުގައި އޮންނައިރު އެއްވެސް ހަރަކާތެއް ނުކުރެވޭނެއެވެ. ފާހާނާއަކަށް ދާންވެސް ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް، އިނާމެއްގެ ގޮތުގައި 18500 އެމެރިކާ ޑޮލަރު، ކޮންމެ މީހަކަށް ލިބޭނެއެވެ. އަދި މި މުއްދަތުގައި އެމީހުންނަށް ހާއްސަކުރެވިފައިވާ ކެއުންތަކެއް ތައްޔާރުކޮށް، އެ ކެއުންތަކަށް އިންސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ސިއްހީ ގޮތުން އެންމެ ދުޅަހެޔޮ މިންގަނޑުތަކަށް ތައްޔާރުކުރާ ކެއުންތަކެކެވެ.

ޖައްވީ ފަޅުވެރިންގެ ނިދުމާ ބެހޭ ގޮތުން ހަދާ މި ދިރާސާއަށް ނާސާއިން މިހާ ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، ނިދައިގެން ބަރުދަން ލުއިކުރެވިދާނެ ކަމަށް ބުނާ ވާހަކަތަކެއްވެސް މިހާރު ދަނީ ފެތުރެމުންނެވެ. ބަރުދަން ލުއިކުރަން އުޅޭއިރު ހެދޭ އެންމެ ބޮޑު ގޯހަކީ ހަމަ ނިދި ނުހޯދުމެވެ. އެކި މީހުންގެ ހަށިގަނޑަށް ނިދި ބޭނުންވާ އެކި މިންވަރަށެވެ. ކޮންމެހެން އަށް ގަޑިއިރު ހަމަކުރުން ލާޒިމެއް ނޫނެވެ. އެހެން ކަމުން، ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރެއްގެ ގާތުން އަހާ، ތިބާއަށް އެންމެ އެކަށީގެންވާ ވަގުތަކީ ކިހާ މިންވަރެއްތޯ ހޯދުން ބުއްދިވެރިއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބިއްޖެނަމަ ހަށިގަނޑު ބަރުވުމުގެ ފުރަސަތު ބޮޑުވެއެވެ. ހަމަނިދި ލިބުމަކީ ހަށިގަނޑުގެ ހޯމޯންތައް އެ މިންވަރެއްގައި ހިފަހައްޓާދޭ ކަމެކެވެ. މިއާއެކު ހަށިގަނޑު މަރާމާތު ކުރުމަށް އެހީއަކަށްވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 4 ގަޑިއަރާ 5 ގަޑިއިރާ ދެމެދު ވަގުތެއްގެ ނިދި، ހަމައެކަނި ރޭގަނޑުގެ ވަގުތުތަކުގައި ހޯދާނަމަ ފަލަވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން އެކި ކަހަލަ ކޫސަނި ކާ އެއްޗިހި ކާހިތް ކުރުވާނެއެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑު ބަރުވުމެވެ.

އެހެންކަމުން، ދުޅަހެޔޮ ހަށިގަނޑަކަށް ފުރިހަމަ، އަރާމު ނިންޖެއް އިންތިހާއަށް މުހިންމު ކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.