އިންޑިއާގެ އިދިކޮޅު ފަރާތްތަކާއި ޕާކިސްތާނުގެ އަސްކަރިއްޔާއާ ގުޅުންހުރި 1100 އަށްވުރެ ގިނަ ޕޭޖު ފޭސްބުކުން ނަގައިފިއެވެ.

މި އެކައުންޓްތައް 'ރިމޫވް' ކޮށްފައި ވަނީ ސާބިތު ނުހިފޭ ސައްހަ ނޫންގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ރާވައިގެން، ސްޕޭމްގެ ގޮތުގައި ހަރަކާތްތެރިވަމުންދާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ރާވައިގެން ހިންގާ ސްޕޭމް އެކައުންޓްތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ 687 އެކައުންޓަކީ އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީއާއި ގުޅުންހުރި ޕޭޖުތަކެއް ކަމަށް ފޭސްބުކުން ބުނެއެވެ.

ފޭސްބުކްއަކީ ސިޔާސީ ނުފޫޒު ފެތުރުމަށާ، ދޮގު ޚަބަރު ފެތުރުމަށް ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ ޕްލެޓްފޯމަކަށްވާއިރު، އެފަދަ ކަންކަމުން ދުރުވުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ފޭސްބުކަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީއަށް ތާއީދުކޮށް، އިދިކޮޅު ފަރާތްތަކުގެ އަގު ވައްޓަމުންދިޔަ 15 އެކައުންޓެއް ބަންދުކޮށްފައިވާއިރު، މިއީ އިންޑިއާގެ އައިޓީ ކުންފުންޏަކާ ގުޅުންހުރި އެކައުންޓްތަކެއް ކަމަށް ފޭސްބުކުން ބުނެއެވެ.

މީގެ އިތުރުންވެސް ސްޕޭމްއާއި އެނޫންވެސް ގޮތްގޮތުން ހަގީގަތް އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުން ދިޔަ އިންޑިއާގެ ޕޭޖުތަކަކާ އެކައުންޓްތަކެއް ރިމޫވްކޮށްފައިވާނެ ކަމަށް ފޭސްބުކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފޭސްބުކުން މިފަދަ ފިޔަވަޅުތަކެއް އަޅާ، އެކަން ހާމަކޮށްފައި މިވަނީ، އިންޑިއާގެ އާންމު އިންތިހާބަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ.

ޕާކިސްތާނާ ގުޅުންހުރި އެކައުންޓްތަކަކީ، ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ގޮތްޕާ ސީދާ ގޮތުން ގުޅުންހުރި އެކައުންޓްތަކެއް ކަމަށް ފޭސްބުކުން ބުނެއެވެ. ޕާކިސްތާނަކީ ފޭސްބުކްގެ ހަނގުރާމަ ގަދަވެފައިވާ ގައުމެކެވެ. ނަމަވެސް ފޭސްބުކްގެ ފަހުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕާކިސްތާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.