ސްޓްރައިކާ އެމިލިއާނޯ ސަލާ ގޮވައިގެން ދަތުރުކުރަމުންދަނިކޮށް އިންގްލިޝް ޗެނަލަށް ވެއްޓުނު ކުޑަ މަތިންދާބޯޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޯސްޓަންއަކީ ކަލާބްލައިންޑް މީހެއްކަން ހާމަވެއްޖެއެވެ.

ކަލާބްލައިންޑް މީހުންނަކީ ވަކި ކުލަތަކެއް ނުފެނި، އެހެން ކުލަތަކެއްގެ ގޮތުގައި އެ ކުލަތައް ފެންނަ މީހުންނަށްވާއިރު، މިފަދަ މީހުންނަކީ ރޭގަނޑުގެ ވަގުތުތަކުގައި އުދުހުމުގެ ހުއްދަ އޮންނަވެސް މީހުންނެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން މިކަން ކަށަވަރުކޮށްދީފައި ނުވާއިރު، ސަލާ ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓުނު ހާދިސާ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗް (އޭ.އޭ.އައި.ބީ) އިން ވަނީ، ސަލާ ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓަކީ ކޮމާޝަލް އުދުހުންތަކުގެ ހުއްދަ އޮންނަ ބޯޓެއް ނޫންކަމަށްވެސް ބުނެފައެވެ.

މިހާދިސާގައި ސަލާއާއި ޕައިލެޓްވެސް މަރުވެފައިވާއިރު، ޕައިލެޓްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ.