އިލެކްޓްރޯނިކް އިންޓެލިޖެންސް ލިބިފައިވާ ޖައްވީ ސެޓެލައިޓް އެމިސެޓް، އިންޑިއާގެ ޖައްވީ އޭޖެންސީ އައި.އެސް.އާރް.އޯއިން ކާމިޔާބު ކަމާއެކު އުދުއްސާލައިފިއެވެ.

މި ސެޓެލައިޓަކީ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ލިބިފައިވާ ސެޓެލައިޓެކެވެ.

އިންޑިއާއިން ވަނީ އެމިސެޓާއެކު އިތުރު 28 ނެނޯ ސެޓެލައިޓެއްވެސް ޖައްވުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ އިންޑިއާގެ ޕޯލާ ސެޓެލައިޓް ލޯންޗް ވިއޭކަލް (ޕީ.އެސް.އެލް.ވީ) ހާއްސަ މިޝަންގެ ބައެކެވެ.

ޖައްވުގެ ތެރެއަށް އިންޑިއާއިން ހޯމަ ދުވަހު ސެޓެލައިޓް ފޮނުވާފައި މިވަނީ، ޖައްވު ތެރޭގައި ބާރު ދުވެލީގައި ދަތުރުކުރަމުން ދިޔަ ސެޓެލައިޓަކަށް އެއްގަމުން ހަމަލާދީ އެ ސެޓެލައިޓް ނައްތާލި "މިޝަން ޝަކްތީ"ގެ ކާމިޔާބީއަށް މާ ގިނަ ދުވަހެއް ނުވަނީހެވެ.

އެމިސެޓް އުދުއްސާލި މަންޒަރު ބެލުމަށް އާންމުންނަށްވެސް ފުރުސަތު ދީފައިވާ އިރު، މިއީ އައި.އެސް.އާރް.އޯގެ މިޝަންއެއް ހަމަލޮލުން ބަލާލުމުގެ ފުރުސަތު އިންޑިއާގެ އާންމު ރައްޔިތުންނަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިއަދު އުދުއްސާލި ސެޓެލައިޓްތައް އުދުހެމުން ދާނީ މިދިޔަ ހަފުތާގައި ގޮއްވާލި ސެޓެލައިޓުން ބުރައިގެން ދިޔަ ކުނިބުނިތަކުގެ ތެރެއިން ކަމަށް ވާއިރު، ހިސާބެއްގެ ގޮވުންތަކެއް ގޮވުން އެކަށީގެން ވާކަމަށް ތަޖުރިބާކަރުން ދަނީ ބުނަމުންނެވެ.

އިންޑިއާއިން މިއަދު އުދުއްސާލި 28 ކުދި ސެޓެލައިޓުގެ ތެރޭގައި ސުވިޒަލޭންޑް، ލިތުއޭނިއާ އަދި ސްޕެއިންގެ އިތުރުން އެމެރިކާގެ ނެނޯ ސެޓެލައިޓްތަކެއް ވެސް ހިމެނެއެވެ.