ކިތަންމެ އާދަޔާ ހިލާފު ސަބަބަކާ ހެދި ކަމުގައި ވީ ނަމަވެސް މި ރަށަކީ އިންޖީނުލީ އުޅަނދުފަހަރަށް ނަފުރަތުކުރާ، ބައިސްކަލު ދުއްވަން ލޯބިކުރާ ފަރާތްތަކަށް ރަނުގެ ހަޒާނާއެކެވެ. ހަމަނުޖެހުންތަކާ ޑިޕްލޮމެޓިކް އިމުން އެކަހެރި ކުރެވިފައި އޮތުމުގެ ނަތީޖާގެ ފޮނިމީރުކަން ދެކެމުންދަނީ ބައިސްކަލު ދުއްވާ މީހުންނެވެ. މިރަށަކީ އެރިޓްރިއާގެ ވެރިރަށެވެ. މިއީ އަސްމާރާއެވެ.

ބަލާބެލުމަށް އެންމެ ވައްތަރީ 70ގެ ފަހުކޮޅު އަދި 80 ކުރީކޮޅު ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލޭގެ މަގުތަކާއޭވެސް ދެންނެވިދާނެއެވެ.

އަސްމާރާގެ އާބާދީއަކީ ގާތްގަނޑަކަށް 500000 މީހުންނެވެ. މުސާރައިގެ ގޮތުގައި ލިބޭ އެއްޗެއްގެ މިންވަރު ކުޑަވުމާ، އިންޕޯޓް ޓެކްސް ބޮޑުވުމާ، ހަކަތަ ލިބުން ދަތިވުންފަދަ ކިތަންމެ ސަބަބެއްގެ ނަތީޖާއަކަށްވީ އަސްމާރާއަކީ އިންޖީނުލީ އުޅަނދުތަކުގެ ތަކުލީފުން މުޅިންހެން ސަލާމަތްވެފައިވާ ސިޓިއަކަށްވުމެވެ. އިންޖީނުލީ ދެތިން އުޅަނދެއް މަގުމަތިން ފެނުނުކަމުގައި ވީ ނަމަވެސް، އެ އުޅަނދުތަކަކީ މީގެ އެތައް ޒަމާނެއް ކުރީގެ އުޅަނދުތަކެކެވެ.

އަސްމާރާގެ މަގުމަތި އާންމު ދުވަހެއްގައި ފެންނަ ގޮތް/ފޮޓޯ: މިލޭނޯ ބެލޯނީ

މަގުމަތި ހަމަހިމޭންވެފައި އޮންނަނީ އިންޖީނުލީ ދުއްވާ އެއްޗިހި ނެތިގެން އެކަންޏެއް ނޫނެވެ. ޒަމާނީ ދިރިއުޅުމަކަށް ފުރުސަތު ނެތުމުގެ ސަބަބުން ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އެރިޓްރިއާގެ ގިނަ އަދަދެއްގެ ޒުވާނުންވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ގައުމުތަކުގައި ވަޒަންވެރިވެފައެވެ.

މޫސުމީ ގޮތުންވެސް އަރާމުވެއްޓެއް އޮންނަ އަސްމާރާގައި ދިރިއުޅޭ މަދު މީސްކޮޅު ސިފަކުރާ ގޮތުގައި ބައިސްކަލު ދުއްވަމަކީ މިހާރު އެމީހުންގެ ސަގާފަތާ ގުޅިފައިވާ ކަމެކެވެ.

އަސްމާރާގެ މަގުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނި މަގުގެ ދެފަރާތުގައިވާ ހިތްގައިމު އިމާރާތްތަކެވެ. މި އިމާރާތްތަކަކީ އިޓަލީވިލާތުގެ އިސްތިއުމާރުގެ ދަށުގައި އަސްމާރާ އޮތްއިރުގެ ރަމްޒެކެވެ. އިމާރާތްތަކުގެ ފަންނުވެރިކަމުގެ ނަތީޖާއަކަށްވީ، ޔުނެސްކޯގެ ވާލްޑް ހެރިޓޭޖް ލިސްޓުގައިވެސް އަސްމަރާގެ އިމާރާތްތައް ގިންތިކުރެވިގެންދިއުމެވެ.

އިތިއޮޕިއާގެ ކިބައިން މިނިވަންވުމަށް އެރިޓްރިއާ ކުރި ހަނގުރާމައިގެ ނަތިޖާއަކަށްވީ އެކަހެރިކަމެވެ. ވެރިރަށް އަސްމާރާގެ އެކި ހިސާބުތަކުގައި ބައިސްކަލު މަރާމާތުކުރާ ވޯކުޝޮޕްތައް ހުންނައިރު، އާ ބައިސްކަލެއް އެތެރެކުރުމަކީ ފިސާރި އަގުބޮޑު ކަމެކެވެ. ސްޕެއާޕާޓްސްވެސް އެހާމެ އަގުބޮޑެވެ. އެހެންކަމުން، އަތުގައި ހުރި ބައިސްކަލުގަނޑު އެންމެ ފުރިހަމައަށް ބެލެހެއްޓޭތޯ ކޮންމެ މީހަކުވެސް އަޒުމުކަނޑައަޅައެވެ.

އާންމު ދަތުރުފަތުރުގެ ހިދުމުގެ ގޮތުގައި އަސްމާރާގައި ފޯރުކޮށްދެމުން އަންނަ ބަހުގެ ހިދުމަތެވެ. މިއީ މުސްކުޅިވެ، ބާވެހަލާކުވެފައިވާ ބާދަނޑޭވެސް ބުނިވެދާނެހާ ބާ ބަސްތަކެކެވެ. ގިނަ ފަހަރަށް މި ބަސްތައް އޮންނަނީ ތޮއްޖެހި، ފިތި، ބާރުވެފައެވެ. މިހެންވެގެންނާވެސް އެކު، ގިނަ ބަޔަކު ބުރަވަނީ ބައިސްކަލުގައި ދަތުރުކުރުމަށެވެ.

އަސްމާރާގައި ގިނަ އަދަދަކަށް ފެންނަ ބައިސްކަލު މަރާމާތުކުރާ ވޯކްޝޮޕްތަކުގެ ތެރެއިން އެއް ވޯކްޝޮޕް/ފޮޓޯ: މިލޭނޯ ބެލޯނީ

ބައިނަލްއަގުވާމީ ބައިސްކަލު މުބާރާތްތަކުގައިވެސް އަސްމާރާގެ ރަށްވެހިންނަކީ ވިދާ ރަންތަރިންނެވެ.

މާލީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އަސްމާރާއަކީ ތިމާވެއްޓާ ރައްޓެހި ސިޓީއެކެވެ. އެރިޓްރިއާގެ ސަރުކާރުންވެސް ދަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ކެމްޕެއިންތައް ހިންގަމުންނެވެ. އެގޮތުން، އަސްމާރާއަކީ ޕުލާސްޓިކާ ބީރައްޓެހި ސިޓީއެކޭވެސް ދެންނެވިދާނެއެވެ.