ތިބާގެ ކިބާގައި ހުރި ސިއްހީ މައްސަލަތައް ފާހަގަކޮށް، ވަކީން ހައްސަކޮށް ތިބާގެ ބަރުދަނާ ބުރަހެލިކަމާ މެދު އެކުވެރިން ފާޑުކިއަން ފަށައިފިނަމަ ޖިމުން ނެގި މެމްބާޝިޕް ކާޑުގައި ގަވައިދުން ތައްގަނޑު ޖަހަންވީ ސުންގަނޑި އެއޮތީ ޖެހިފައެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ، އުމުރުން 30 އަހަރުގެ ޖަހާންޒީބު ބަޓްގެ ދިރިއުޅުމުގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ.

އާދަޔާ ހިލާފަށް ބަރުވެފައިވާ ހަށިގަނޑުގެ ބުރަހެލިކަން އޭނާގެ އަމިއްލަ ސިއްހަތުގެ އިތުރުން މަސައްކަތަށްވެސް ކުރަން ފެށިއެވެ. އަދި ދުޅަހެޔޮކަމެއް ނެތް ދިރިއުޅުމެއް އުޅުމަކީ އެއްވެސް އަގެއް އޭގައި ހުރި ކަމެއް ނޫންކަން ޖަހާންޒީބަށް ކިތަންމެ ހާވެސް ރަނގަޅަކަށް ވިސްނުނެވެ. ހަށިގަނޑު "ފިޓް" ކުރުމަށް ޖަހާންޒީބު ކުރި ދަތުރަކީ، ބަރުދަން ލުއިކުރުމަށް ބޭނުންވެފައި ތިބި ކިތަންމެ ބަޔަކަށް ހިތްވަރަކަށް ވާނެއެވެ.

މިކަމުގައި އެންމެ ބޮޑު ހިތްވަރަކަށްވީ ބޮސްއާއި ލޯބިވެރިޔާއެވެ. ޖަހާންޒީބު ބަރުވަމުންދާތީ އެކަމާ ކަންބޮޑުވީ ބޮސްއެވެ. ފަލަވަމުންދާތީ ޒުވާބުކުރީ ލޯބިވެރިޔާއެވެ. ނަތީޖާއަކަށްވީ މަސައްކަތުގެ މާހައުލުގައި ކްލަޔަންޓުންނާ ބައްދަލުކޮށް ހަދާއިރުވެސް އަމިއްލަ ނަފުސަށް އިތުބަރު ކުޑަވާން ފެށުމެވެ.

115 ކިލޯގްރާމްގެ ރެކޯޑް ބަރުދަނަކާއެކު ޖަހާންޒީބު، ދުޅަހެޔޮ މަންޒިލަކަށް ދިއުމަށް ދަތުރު ފެށިއެވެ. އެ އަމާޒު އޭނާ ހާސިލުކުރިއެވެ. އެންމެ 6 މަސް ދުވަހުގެ ތެރޭގައި 30 ކިލޯގްރާމް ލުއިކޮށްލިއެވެ.

ހެނދުނުގެ ނާސްތާގެ ގޮތުގައި ޖަހާންޒީބު މުޅިންވެސް ބޭނުންކުރީ ކެއްކި އޯޓްސްއާއި ކިރާ މާމުޔެވެ. މެންދުރުގެ ކެއުމަކީ ސްޓާފްރައި ކޮށްފައި ހުންނަ ކުކުޅާ، ފެނުކެއްކި ތަރުކާރީގެ އިތުރުން ފެނުގައި މަޑުކޮށްފައި ހުންނަ މުގާ، ސެލަޑެވެ. ދުވަހުގެ އެންމެ ފަހު ކެއުމުގެ ގޮތުގައި ރޭގަނޑު ކެއުން ނަގާއިރު، އެއީ ވިހާވެސް ލުއި ގޮތަކަށް ނިންމާލެވޭ ކެއުމަކަށް ހެދޭތޯ ޖަހާންޒީބު ބަލަން ފެށިއެވެ. ރޭގަނޑުގެ ކެއުމަކަށް ވީ ސޫޕު ފޮދަކާ ކަޅުސައި ނުވަތަ ގްރީން ޓީ ތައްޓެކެވެ.

ޑަޔަޓެއް ކުރާއިރު ޗީޓް މީލްއަކީ ހަށިގަނޑަށް ކޮންމެހެން ބޭނުން އެއްޗެކެވެ. މިއީ ހަށިގަނޑަށް އޮޅުވާލާ އޮޅުވާލުމެކެވެ. ނޫންނަމަ ޑަޔަޓް މީލްއަށް ހަށިގަނޑު ހޭނި، ބަރުދަން އިތުރަށް ލުއިނުކުރެވޭ ގޮތް މެދުވެރިވެއެވެ. ޖަހާންޒީބު ބުނާ ގޮތުގައި އޭނާގެ ޗީޓް މީލްއަކީ އޭނާއަށް މީރު ކޮންމެ އެއްޗެކެވެ. އޭގެ ތެރޭގައި ސްޓޭކް، ފްރައިޑް ޗިކަން އަދި ލޭމްބް ޓިއްކާ ހިމެނެއެވެ.

ޖަހާންޒީބު ބުނާ ގޮތުގައި ބަރުދަން ލުއިކުރަން ބޭނުން ނަމަ ކާން އެންމެ ރަނގަޅީ އޯޓްސް އާއި ސެލަޑްގެ އިތުރުން ފެނުކެއްކި އަލުއްވެވެ.

ޖަހާންޒީބުގެ ފިޓް ޖާނީގައި އޮތީ ޑަޔަޓް އެކަންޏެއް ނޫނެވެ. ދުވާލަކު 3 ކިލޯމީޓަރަށް ގަވައިދުން ދުވުމާ، ކަސްރަތު ސާކިޓުތައް ފުރިހަމަ ކުރުން އޮވެއެވެ. މި އާދަޔާ ހިލާފު ދަތުރުގައި ކާމިޔާބީގެ މަންޒިލަށް ވާސިލުވެވޭނެ ކަމަށް ޖަހާންޒީބު އަބަދުވެސް ގަބޫލުކުރިއެވެ. ލޯގަނޑަށް ބަލަހައްޓައިގެން ހުރެ، ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއްގައި އޭނާ ހުންނާނެ ގޮތް ތަސައްވުރުކޮށްލުމަކީވެސް އެނާއަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ޖަހާންޒީބު ބުނެއެވެ.

މި ދަތުރުން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، އަނގަ މީރުކޮށްލަން ސިއްހަތު ގުރުބާން ކޮށްގެން ނުވާނެ ކަން ކަމަށް ޖަހާންޒީބު ބުނެއެވެ. ޖަހާންޒީބު ބުނާ ގޮތުގައި އޭނާ އަދިވެސް 10 ކިލޯގްރާމް ލުއިކުރަންޖެހެއެވެ.

އަމިއްލަ މީހާގެ އިތުރުން ތިބާގެ ދެކެ ލޯބިވާ މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ، އަމިއްލަ ނަފުސާ ހަށިގަނޑު ދެކެ ލޯބިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް މަސައްކަތް ކުރުމެވެ.