މީހެއްގެ މަރުގެ މައްސަލާގައި، އިންޑިއާގެ ބައިނަލްއަގުވާމީ ރެސްޓޯރަންޓް ޗެއިން 'ސަރަވަނަ ބަވަން'ގެ އޯނަރު، ޕީ ރާޖަގޯޕާލްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް އިންޑިއާގެ ދަށު ކޯޓަކުން ކުރި ހުކުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

އުމުރުން 71 އަހަރުގެ މައްޗަށް 2009 ވަނަ އަހަރު އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވަނީ، އޭނާގެ ކުންފުނީގެ މަސައްކަތް ކުރަމުން އަންނަ މީހަކު މަރާލަން އަމުރުކުރި މައްސަލާގައެވެ.

ތުހުމަތު ކުރެވޭ ގޮތުގައި މުވައްޒަފު މަރާލުމަށް ރާޖަގޯޕާލް އަމުރު ކުރީ އެ މިހާ އޭރު ކައިވެނިކޮށްގެން އުޅުނު އަންހެން މީހާއާއި ކައިވެނި ކުރުމަށް ރާޖަގޯޕާލް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އިނގިރޭސި މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާޖަގޯޕާލް އެމީހާއާއި ކައިވެނި ކުރަން ބޭނުންވީ، ފާލާއި ރާހި ބަލާ މީހަކު ބުނި ބުނުމަކަށެވެ.

މިކަންތައްގަނޑު ހިނގާ ދިޔައީ 2001 ވަނަ އަހަރުއެވެ. އެ ބުނާ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރާލާފައި އޮއްވާ ފެނިފައިވަނީ ޖަންގައްޔެއްގެ ތެރެއިންނެވެ.

'ސަރަވަނަ ބަވަން'ގެ 80 އައުޓްލެޓެއް ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރަމުންދާއިރު، މި ޗެއިންގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހާހުން ގުނާލެވެއެވެ.