އެޗް.އައި.ވީއަށް ޕޮޒިޓިވް ވެފައިވާ ޕޭޝަންޓަކު ހަދިޔާކުރި ކިޑްނީއެއް، އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއެކު ޓްރާންސްޕްލާންޓްކޮށްފިއެވެ.

ދުނިޔޭގެ ތާރީހުގައި ކުރި މިފަދަ ކާމިޔާބު ފުރަތަމަ އޮޕަރޭޝަންގައި، ކިޑްނީ ޓްރާންސްޕްލާންޓްކޮށްފައިވަނީވެސް އެޗް.އައި.ވީ ޕޭޝަންޓެއްގެ ހަށިގަނޑުގައެވެ.

މި އޮޕަރޭޝަންކޮށްފައިވަނީ އެމެރިކާ ޖޯންސް ހޮޕޮކިންސް ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ.

ޑޮކްޓާ ޑޯރީ ސެގޭފް ވިދާޅުވީ، މިއި ކިޑްނީ ހަދިޔާ ކުރުމުގެ ހުއްދަ، އެޗް.އައި.ވީ ޕޭޝަންޓަކަށް ދެވުނު ފުރަތަމަ ފަހަރު ކަމަށެވެ. ކުރިން ހީވެފައި އޮންނަ ގޮތުގައި، އެޗް.އައި.ވީ ޕޭޝަންޓަކު ކިޑްނީ ހަދިޔާ ކުރުމަކީ، ކިޑްނީގެ ބަލިތަކަށް އެމީހަކު ހުށަހެޅޭ ކަމެކެވެ. ނަމަވެސް އެޗް.އައި.ވީއަށް މިހާރު ދޭ ބޭސްފަރުވާއާއިއެކު މި ނުރައްކާ ކުޑަކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

ޖޯން ހޮޕްކިންސްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް މެޑިސިން އެންޑް އޮންކޮލޮޖީ، ޑރ ކްރިސްޓީން ޑިއުރޭންޑް ވިދާޅުވީ، މި އޮޕަރޭޝަނަކީ އެޗް.އައި.ވީއާއި މެދު ދުނިޔެ ދެކެމުންދާ ގޮތް ބަދަލުކޮށްލުމުގެ އިތުރުން ބޭސްފަރުވާގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވާދޭ ކަމެއް ކަމަށެވެ.

ކިޑްނީ ހަދިޔާކޮށްފައިވަނީ އެޓްލާންޓާގެ ޒުވާނެއް ކަމަށްވާ، އުމުރުން 35 އަހަރުގެ ނީނާ މާޓިނޭޒްއެވެ. ނީނާ ބުނާ ގޮތުގައި ކިޑްނީ ހަދިޔާ ކުރުމުގެ ޝައުގުވެރިކަން އޭނާގެ ވިސްނުމުގައި އުފެދުނީ މަޝްހޫރު ޓީވީ ސީރީޒް "ގްރޭޒް އެނާޓޮމީ"ގެ އެޕިސޯޑެއް ބެލިފަހުންނެވެ.

ކިޑްނީ ޓްރާންސްޕްލާންޓްކުރި ޕޭޝަންޓްގެ ވަނަވަރު އަދި އޮދީ ސިއްރުކޮށްފައެވެ.

ދުނިޔޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮ ކަމަށް ހުރި އެންމެ ބޮޑެތި ނުރައްކާތަކުގެ ލިސްޓުގައި އެޗް.އައި.ވީ އަދިވެސް ގިންތިކޮށްފައިވާއިރު، ބަލި ޖެހިފައިވާ 37 މިލިއަނެއްހާ މީހުން ވަނީ ރެކޯޑްކުރެވިފައެވެ.