ބަންގްލަދޭޝްގެ އަންހެނަކު، ދުވަސް ނުފުރާ ފުރަތަމަ ދަރިފުޅު ވިހޭތާ 26 ވީ ދުވަހު، ދުޅަހެޔޮ ސިއްހަތެއްގައި ތިބި އެއްމާބަނޑު ދެ ކުދިން ވިހައިފިއެވެ.

އުމުރުން އެންމެ 20 އަހަރުގެ އާރިފާ ސުލްތޯނާ މިދިޔަ މަހު ފިރިހެން ކުއްޖަކު ވިހޭ ނަމަވެސް، އޭނާގެ ބަނޑުގައި އަދިވެސް އިތުރު ދަރިންތަކެއް ތިބިކަން ޑޮކްޓަރުންނަށް އޮތީ ފާހަގަ ނުކުރެވިއެވެ.

އާރިފާއަށް ފަރުވާ ކުރަމުންދާ ގައިނަކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޝީލާ ޕޮއްދާރު ވިދާޅުވީ، އޭނާގެ ބަނޑުގައި އަދިވެސް އެއްމާބަނޑު ދެބެން އޮތްކަން ޚުދު އާރިފާއަށްވެސް ނޭނގޭ ކަމަށާ، ފުރަތަމަ ދަރިފުޅު ވިހޭތާ 26 ވަނަ އަށް ވީ ދުވަހު އާރިފާ އަނެއްކާވެސް ހޮސްޕިޓަލަށް ގެނެވުނީ ވޯޓާބޭގް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

އާރިފާގެ ބަނޑުގައި އޮތް އެއްމާބަނޑު ދެބެން ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެއީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ.

މަސްދުވަހުގެ ތެރޭގައި ވިހޭ 3 ދަރިންނާއެކު އާރިފާ މިހާރު ގެއަށް ފޮނުވާލާފައި ވާކަމަށާ، ފުރާނައަށް ނުރައްކާވާ ވަރުގެ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާކަމަށްވެސް ޑރ.ޝީލާ ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝް ސަރުކާރުގެ އިސް ޑޮކްޓަރެއް ކަމަށްވާ ޑރ.ދިލީޕް ރޯއީ ވިދާޅުވީ އޭނާގެ ތަޖުރިބާގެ 30 އަހަރު ދުވަހުގެ ތެރޭގައިވެސް މިފަދަ ކަމަކާ ދިމާނުވާ ކަމަށެވެ. އަދި ފުރަތަމަ ދަރިފުޅު ވިއްސުމަށް ފަހު، އިތުރު ކުއްޖެއް ބަނޑުގައި ޣަރުބަގެންފައި އޮތްތޯ ރަނގަޅަށް ބަލާފައި ނުވާކަން ފާހަގަ ކުރައްވާ، ޑރ.ދިލީޕްވަނީ އާރިފާ ވިއްސި ހޮސްޕިޓަލުގެ ހިދުމަތާ މެދު ސުވާލު އުފައްދަވާފައެވެ.

ފަގީރު އާއިލާއަކަށް ނިސްބަތްވާ އާރިފާ ބުނީ އޭނާއަށް ލިބުނު 3 ދަރިންނާ މެދުވެސް އޭނާ އުފާކުރާ ކަމަށާ، ނަމަވެސް އެކުދިން ބަލާ، ބޮޑު ކުރާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށެވެ. ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އާރިފާގެ ފިރިމީހާއަށް މަހެއްގެ މައްޗަށް ލިބެނީ އެންމެ 70 ވަރަކަށް ޑޮލަރެވެ.