އިންޑޮނޭޝިއާގެ މުސްލިމު ދެމަފިރިއަކަށް އުފަން ރަހުމާލިއާ އައުފާ ޔަޒީދު އުފަންވެ، ބޮޑުވަމުން އައީ ޖަޕާނުގައެވެ. އިސްލާމީ ސަގާފަތާ ބީރައްޓެހި ވެއްޓެއްގައި އުޅެން ޖެހުނެއް ކަމަކު، އައުފާ ބުރުގާ އެޅީ އަމިއްލަ އިހުތިޔާރުގައެވެ. މައިންބަފައިންގެ އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. އުމުރުން 18 އަހަރުގައި ބުރުގާ އެޅި އައުފާ ބުނާ ގޮތުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ކަމަކީ، ބުރުގާއާއިއެކު ފެޝަނަށް އުޅުމެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ "ހައްލު"ކޮށްފައެވެ.

މިހާރު އުމުރުން 24 އަހަރުފުރިފައިވާ އައުފާ ދަނީ އޭނާގެ 'ހިޖާބީ ފެޝަން'ގެ ދަތުރު އިންސްޓަގްރާމްގައިވެސް ހިއްސާކުރަމުންނެވެ. ފްރީލާންސްކޮށް ފަންނުވެރި މަސައްކަތްތަކެއް ކުރަމުން އަންނަ އައުފާ ބުނާ ގޮތުގައި އޭނާ ބުރުގާ އެޅީ ދީނީ ކަމަކަށް ވާތީއެވެ. އަދި އޭނާ ލާ ހެދުންތަކާ ފެޝަންވެސް މި އިމުން ބޭރެއް ނުވާނެއެވެ.

ހިޖާބުގެ އެކި ކަހަލަ ފެޝަންތައް ތަޖުރިބާކުރަމުން އަންނަ ރަހުމާލިއާ އައުފާ ޔަޒީދު/ފޮޓޯ: އިންސްޓަގްރާމް

އައުފާ ބުނި ގޮތުގައި އޭނާއަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ މަތީ ތައުލީމު ހާސިލުކުރި ދުވަސްވަރުއެވެ. ސްކޫލްގައި ބުރުގައި އަޅާ ހަމައެކަނި ކުއްޖަކަށްވީ އައުފާ އެކަންޏެވެ. ޖަޕާނުގެ ސަގާފީ ހެދުންތަކާ ޒަމާނަށް ފައްތައިގެން ތައާރަފުކުރަމުން އަންނަ ހެދުންތައް އޭނާއަށް ނުލެވުމުގެ ސަބަބުން "ބާކީ" ކަމެއް އިހުސާސްކުރަންޖެހުނެވެ. ނަމަވެސް، އިސްލާމް ދީނުގެ އުސޫލުތައް ދޫކޮށްލަން އައުފާ ބޭނުމެއް ނުވިއެވެ. އޭނާ ދިޔައީ ޒަމާނާ އެކަށީގެންވާ ގޮތަށް ހިޖާބީ ފެޝަންތައް ތަޖުރިބާކުރަމުންނެވެ.

ހިޖާބުގެ އެކި ކަހަލަ ފެޝަންތައް ތަޖުރިބާކުރަމުން އަންނަ ރަހުމާލިއާ އައުފާ ޔަޒީދު/ފޮޓޯ: އިންސްޓަގްރާމް

އިހުސާސްކުރެވެމުންދިޔަ އެކަހެރިކަމާ ބާކީކަމުން ދުރުވުމަށް އޭނާއަށް މަގުތަނަވަސްވީ ޖަޕާނުގައި ދިރިއުޅެމުންދިޔަ އިނގިރޭސި ނަސްލުގެ ފަރުމާ ކުރުންތެރިއެއް ކަމަށްވާ ހަނާ ތަޖީމާއާއި ބައްދަލުވި ހިސާބުންނެވެ. ހަނާއަކީ އޭނާގެ ފުރާވަރުގެ ދުވަސްވަރު އިސްލާމް ދީން ގަބޫލުކުރި މީހެކެވެ. ހަނާ މަސައްކަތްތަކަށް އައުފާގެ ސަމާލުކަން ހުއްޓި، ބުރުގާ އެޅުމަކީ ބޭރުގެ މުޖުތަމައެއްގައި ބާކީވާންޖެހޭނެ ސަބަބެއް ނޫންކަން ގަބޫލުކުރެވުނެވެ.

އައުރަނިވާކުރަން ވާޖިބަކަށްވީތީ އެޅި ބުރުގާއަކީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ފެޝަނެއް ކަމުގައި އައުފާއަށް ގަބޫލުކުރެވެން ފެށީ މިހާ ހިސާބުންކަމަށް އޭނާ ބުނެއެވެ. އައުފާގެ މިހާރުގެ ވޯޑްރޯބް ހާއްސަވަނީ "ހިޖާބީ-ޖަޕާން" ޓްރެންޑަށެވެ. ޖަޕާނުގެ ސަގާފީ ހެދުންތަކާވެސް އައުފާ މިހާރު ރައްޓެސެވެ. ނަމަވެސް ހިޖާބުގެ އިމުން ބޭރެއްނުވެއެވެ. ޖަޕާނު މީހުންނަކީ އާދަޔާ ހިލާފު ގޮތްގޮތަށް އިސްތަށިގަނޑު ހަދާ ބަޔަކަށްވާއިރު، އައުފާ އެކަން ކުރަނީ އޭނާގެ ހިޖާބުންނެވެ. މީހަކު އޭނާގެ އިސްތަށިގަނޑަށް ގެންނާނެހާ ބަދަލެއް އައުފާ ގެންނަނީ ހިޖާބަށެވެ.

އަންހެނާގެ އައުރައަކީ މޫނާ ދެ އަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެއްކަން އައުފާ ކިތަންމެހާވެސް ރަނގަޅަކަށް ގަބޫލުކުރެއެވެ. އައުފާ ބުނާ ގޮތުގައި އޭނާގެ ފެޝަން ދަތުރުގައި އެންމެ ގަޔާވާ ކަމަކީވެސް އެއީއެވެ. ގައިގެ ވަނާތައް ފާޅު ނުވާނެހެން ހިޖާބު ފެޝަންއެއް ތައްޔާރުކޮށްލުމަކީ ޝައުގުވެރި މަސައްކަތެއްކަމަށް އައުފާ ބުނެއެވެ.

ޖަޕާނަކީ މުސްލިމުންގެ އާބާދީ އިންތިހާއަށް މަދު ގައުމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އައުފާގެ ދީނީ ގަބޫލުކުރުންތަކަކަށް ކުޑަ ނަމަވެސް ހުރަހެއް ނޭޅެއެވެ. އިސްޓަގްރާމްގައި އޭނާ ހިއްސާކުރަމުންދާ ފޮޓޯތަކުންވެސް މިކަމަށް ހެކިދިއެވެ. ނަތީޖާއަކަށްވީ ޖަޕާނުގެ ގިނަ ބަޔަކު މިހާރު އައުފާ ފަދައިން "ބުރުގާ"އަޅަން ފެށުމެވެ. އައުފާ ބުނާ ގޮތުގައި ގިނަ ބަޔަކު އޭނާގާތު އިސްލާމް ދީނާ ބެހޭ ގޮތުން ސުވާލުކޮށް، މައުލޫމާތުވެސް އޮޅުން ފިލުވައެވެ.

އައުފާ ބުނާ ގޮތުގައި އޭނާގެ އަމާޒަކީ އިސްލާމް ދީނާ މެދު ދުނިޔޭގެ ބައެއް ގައުމުތަކުގެ މީހުން ދެކެމުން އަންނަ ގޮތް ބަދަލުކޮށްލުމެވެ. އެކި ނަސްލާ ދީންތަކުގެ މީހުންނާއެކުގައިވެސް އިސްލާމެއްގެ ގޮތުގައި އުޅެވިދާނެކަން ސާބިތުކޮށްދިނުމެވެ.